ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓު ނައްތާލުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ޓަކައި ކެނެޑާ ސަރުކާރުން 1.35 ކެނޭޑިއަން ޑޮލަރު (16.6 މިލިއަން ދިވެހި ރުފިޔާ)ގެ އެހީ ރާއްޖެއަށް ދީފިއެވެ.
ކެނެޑާ ސަރުކާރުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ގުޅިގެން ރާއްޖޭގައި ގާއިމުކުރާ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް"ގެ ނަމުގައި ލޯންޗުކުރާ ޕްރޮޖެކްޓު އިފުތިތާހު ކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައި ކޮމިޝަނަރުގެ އިތުރުން ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ އެކްޓިން ރެޕްރެޒެންޓެޓިވް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އެހީއަށް ޝުކުރު އަދާކުރައްވައި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވަނީ ކެނެޑާގެ ހައި ކޮމިޝަނަރު، ޑޭވިޑް މެކިނޮން އެ ޕްރޮޖެކްޓު ރާއްޖޭގައި ގާއިމު ކުރުމަށް ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯގެ އޮފީހުން ކަމުގައިވާތީ، އެފަރާތުން ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ވެސް މިނިސްޓަރު ނަސީމު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި ޕްރޮޖެކްޓުގެ ދަށުން އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' މަރުހަލާތައް ހަރުދަނާ ކުރުމަށް 40 އޮޓޯކްލޭވް ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ ހިދުމަތް ގާއިމު ކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' ގެ ހިދުމަތްތައް ގާއިމުކުރެވޭނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި ހިދުމަތް ގާއިމުކުރުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަަމަށާއި އަދި ހިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، އެކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ވެސް ކުޑަވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު