ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުން ފަންނީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުން ފްލެޓް ލިބުނު ފަރާތްތަކުން އެތަން ދޫކޮށްލަން ބޭނުން ނަމަ އެންގުމަށް މުހުލަތެއް ދީފި އެވެ.
ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ، ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސަރވިސް ކެޓަގަރީން ފްލެޓު ލިބުނު ފަންނީ ފަރާތްތަކުން އެ ފްލެޓްތައް ދޫކޮށްލުމުން، ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެކަމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކަން މިނިސްޓްރީއަށް އެންގުމަށް އެދޭ ކަމަށެވެ.
ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލާ ފަންނީ ފަރާތްތަކަށް، އެމީހުނަށް ލިބޭ އާމްދަނީ އާއި އެއްހަމައެއްގެ ބޯހިޔާވަހިކަމެއް ލިބިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނަފަ އެވެ. އަދި ފްލެޓުތައް ވެގެންދާނީ، އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަކަށް ހިފެހެއްޓިފައިވާ، ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް މަޝްރޫއުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ. އެހެން ނަމަވެސް ދާއިމީ ލިސްޓަށް ހޮވިފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށްބުނެ ފްލެޓް ލިސްޓު އަލުން މުރާޖައާކޮށް، ފްލެޓް ލިބޭ ފަރާތްތައް އަލުން ކަށަވަރު ކުރުމަށް، ރައްޔިތުން މަޖިލީހު ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ސަރުކާރަށް ވަނީ ލަފާ ދީފި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު