ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުއްޓައި އެތަނުގައި ޑިއުޓީ އަދާކުރަމުން ދިޔަ ފުލުހަކު 'ކޮށާލާނެ' ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ގ. ޝާރާޒް، މުހައްމަދު މަފާޒު އެއް އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހު، ހއ. ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް އަބްދުއްރަހީމް ގެ ބޮލަށް ވަޅި ހަރައި މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށް ދުނިދޫގައި ބަހައްޓާފައި ހުއްޓައި ފުލުހަކު 'ކޮށާލާނެ' ކަމަށް ބުނުމުން މަފާޒުގެ މައްޗަށް ކޮށްފައިވަނީ ބިރު ދެއްކުމުގެ ދައުވާ އެވެ.
ދޫނިދޫގައި އެ ހާދިސާ ހިނގާފައިވަނީ، 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު ތިން ވަނަ ދުވަހުގެ ރޭގަ އެވެ.
އެ މައްސަލައިގައި މަފާޒު އިންޒާރު ދިން ފުލުސް މީހާގެ އިތުރުން ތިން މީހަކު ވަނީ ޝަރީއަތުގެ މަޖިލީހުގައި މަފާޒުއާ ދެކޮޅަށް ހެކިބަސް ދީފަ އެވެ. އަތޮޅުތެރޭގެ ރަށެއްގެ ފުލުހުންގެ މަރުކަޒުގައި މިހާރު މަސައްކަތް ކުރާ އެ ފުލުސް މީހާ އެ ރަށުގައި ހުރެ ވޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެމުން ބުނީ، އެ ރޭ އިރާކޮޅު ދުނިދޫ ގޮޅި ތަކުގައި އަޑުގަދަ ކުރަން ފެށުމުން ފަހަރަކު ގޮޅިއަކަށް ގޮސް ނަސޭހަތްތެރި ވަމުން ދަނިކޮށް އޭނާއަށް މަރުގެ އިންޒާރު ދީފައި ވަނީ މަފާޒު އޮތް ގޮޅިން މަފާޒު ކަމަށެވެ.
"ގޮޅި ތަޅުވައި ވަރަށް އަޑުގަދަ ކުރާތީ ގޮޅިއަށް އަރައި މަފާޒްއާ ސުވާލު ކުރުމުން މަފާޒު ވަރަށް ރުޅިއައިސްފައި އަޅުގަނޑާ ދިމާލަށް ބުނީ، ތިމަންނަ މިއީ މާލެއިން ވެސް ވަޅިޖަހައިގެން ހައްޔަރުކޮށްފައި ހުރި މީހެކޭ ކަލޭ މާލޭ މަގުމަތިން ފެނިއްޖިޔާ ކޮށަލާނަމޭ. ވަޅި ޖަހާނަމޭ،" ފާޅުގައި ހެކިބަސް ދެމުން އެ ފުލުސް މީހާ ބުންޏެވެ.
ވަކީލަކާ ނުލައި އަމިއްލައަށް މައްސަލަ ކުރިއަށް ގެންދިޔަ މަފާޒު ވަނީ އެ ކުށަށް އިންކާރުކޮށްފަ އެވެ. އަދި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކި މަރުހަލާގައި އެ ކުށަށް ދެވެން އޮންނަ އެންމެ ކުޑަ އަދަބެއް ދިނުމަށް ވެސް އެދުނެވެ.
ގާޒީ ސޮފްވަތު ހަބީބު ކުރެއްވި އެ ހުކުމުގައި ބުނެފައިވަނީ، މައްސަލައިގެ ބާވަތުން، އިއުތިރާފުވި ނަމަވެސް ލުއި ދެވެން ނޯންނާނެ ކަމަށެވެ. އެހެން ކަމުން ގާޒީ ހުކުމް ކުރައްވާފައިވަނީ އެ ކުށުގެ އެންމެ ބޮޑު އުގޫބާތް ކަމުގައިވާ ދޮޅު އަހަރަށް އޭނާ ޖަލަށް ލުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު