ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުގައި ފެށި ނަމަވެސް އޭނާއަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ ދައުލަތަށް އިތުރު މުހުލަތެއް ދިނުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލައިފި އެވެ.

މިއަދުގެ އަޑުއެހުން ފެއްޓެވުމަށްފަހު، ފަނޑިޔާރު ވިދާޅުވީ އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެހެއްގެ ގޮތުގައި ކޯޓަށް ދެއްވާފައި ވަނީ މ. ފުރަހަނި ތިން ވަނަ ފަންގިފިލާ ކަމަށާއި އެހެން ނަމަވެސް އެ ގޭގައި އަލީ ވަހީދު ނޫޅުއްވާ ކަމަށެވެ. އަދި ފޯނު މެދުވެރިކޮށް ވަޓަސްއެޕް ވައިބަރު އަދި އީމެއިލްގެ ޒަރިއްޔާއިން ވެސް އަލީ ވަހީދަށް ޗިޓް ފޮނުވި ނަމަވެސް އޭނާއަށް އެ ޗިޓް ލިބުނު ކަން ޔަގީންވެފައި ނުވާ ކަމަށެވެ.

އެހެން ކަމުން ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވައި ފަނޑިޔާރު ވަނީ، ދައުލަތަށް އަލީ ވަހީދު އުޅުއްވާ އެޑްރެސް ސާފު ކުރެއްވޭނެތޯ ސުވާލު ކުރައްވާފަ އެވެ.

އެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ދައުލަތުން މީގެ ކުރިން ވެސް އެދުނީ އޭނާ ފިލައިގެން ގޮސް ޝަރީއަތަށް އެއްބާރުލުން ނުދީފާނެތީ ކަމަށެވެ. އަދި އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ނޭނގޭކަން ފާހަގަކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ، ކޯޓުން އޭނާ ދިރިއުޅޭ އެޑްރެސް ސާފު ކުރެއްވުމަށް އެދިފައިވާތީ އެމަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ކަން ފާހަގަކޮށް ދައުލަތުން ވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް ދިނުމަށް އެދިފަ އެވެ. އެހެން ނަމަވެސް ޝަރީއަތުން ވިދާޅުވީ، ޖިނާއީ މައްސަލަތައް ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެން ކަމުން ޝަރީއަތުން ނިންމެވީ މާދަމާ މެންދުރު 2:00 ގެ ކުރިން، އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް ސާފު ކުރެއްވުމަށް ފަހު ކޯޓަށް އެންގުމަށެވެ. އަދި އެއަށް ފަހު މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.