ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ވޯޓުލުމަށް އެއް ގަޑިއިރު ހަމަޖައްސައި އެ މީހުން ވޯޓުލާން ދިއުމުގެ ކަންތައްތައް އަމިއްލައަށް އިންތިޒާމް ކުރަން ޖެހޭ ގޮތަށް އުސޫލު އެކުލަވާލައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ކައުންސިލް އިންތިހާބު ފެށުމުގެ ކުރިން، ކޮވިޑަށް ޕޮޒިޓިވް ވެ އައިސޮލޭޝަން އަދި ޑައިރެކްޓް ކޮންޓެކްޓުންނާއި ހޯމް ކަރަންޓީނު ނުނިމޭ މީހުންގެ މައުލޫމާތުތައް އެޗްޕީއޭއިން އިލެކްޝަން ކޮމިޝަނަށް ދޭން ޖެހޭނެ އެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން، އައިސޮލޭޝަން އަދި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ދިއުމުގެ ހުއްދަ ހޯދައި ވޯޓުލާ މަރުކަޒަށް ދިއުމަކީ އެމީހެއްގެ އަމިއްލަ ޒިންމާ އެކެވެ. އަދި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުން ނިމުމުގެ ފަސް ގަޑިއިރު ކުރިން، އެމީހަކު ވޯޓުލާން ބޭނުންވާކަން، އެޗްޕީއޭގެ ރަށު ޓާސްކް ފޯސް މެދުވެރިކޮށް އީސީން އައްޔަނު ކޮށްފައިވާ ފޯކަލް ޕޮއިންޓަކަށް އަންގަންވާނެ އެވެ.

އައިސޮލޭޝަން އަދި ކަރަންޓީނުގައި ތިބި މީހުން ވޯޓުލުމަށް އާންމުކޮށްފައިވާ ހާއްސަ ގަޑިއަކީ، ހަވީރު 5 އިން 6 އަށެވެ. ގަޑި ކަނޑައަޅާފައި އޮތް ނަމަވެސް އެމީހުން ވޯޓުލާ މަރުކަޒަކަށް ގޮސް ކިއުގައި އާންމު މީހުން ތިބި ނަމަ އެ މީހުން ވޯޓުލާ ނިމުމުން ނޫނީ އެ ފަރާތްތަކަކަށް ވޯޓުލުމުގެ ފުރުސަތެއް ނުދެވޭނެ އެވެ.

ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގެ ވަގުތު ހާއްސަ ކުރުމަށް އެހެން އިންތިޒާމުތަކެއް އެޗްޕީއޭގެ ލަފާގެ މަތީން، އީސީއަށް ހަމަޖެއްސިދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

  • އޮފިޝަލުންގެ މަސްއޫލިއްޔަތުތައް:
  • 1. ކަރަންޓީނުގައި ތިބޭ މީހުން މަރުކަޒަށް ވެއްދުމުގެ ކުރިން ސެނިޓައިޒް ކުރުން
  • 2. އޮފިޝަލުން ތިބެން ވާނީ ހަ ފޫޓް ދުރުގައި
  • 3. އިނގިލީގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދިނުން
  • 4. ވޯޓުލާ މަރުކަޒުގައި ބޭނުންކުރާ އެއްވެސް އެއްޗެއްގައި އަދި ތަނެއްގައި ކަރަންޓީނުގައި ތިބޭ ފާރާތްތަކުން އަތް ނުލުން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިހާބުގައި، ކުރިން ހަމަޖައްސާފައި އޮތީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން އެހީތެރިއެއް މެދުވެރިކޮށް ވޯޓުލުމަށެވެ.