އެމްޑީޕީ ކައުންސިލަރުންނާއި މޭޔަރުން އުޅުއްވަނީ ގޮނޑިދުއްވާ ފަރާތްތަކާއެކު ބިރަކާނުލައި މަޖާކުރަން ކަމަށާއި ސާފު ޗޮއިސްއަކީ ޕީޕީއެމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އެކި ކަންކަމަށް ފާދު ވިދާޅުވާ ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން ވެރިކަމާއި މަޖިލީހަށް ވީ ވައުދުގެ އެއް ޕަސެންޓުވެސް ނުފުއްދޭ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނިސްބަތް ކުރައްވައި ޖަމީލް ވިދާޅުވީ މިހުރިހާ ކަންކަމަށް ބަލާއިރު އެމްޑީޕީ ކައުންސިލަރުންނާއި މޭޔަރުން އުޅުއްވަނީ ގޮނޑިދުއްވާ ފަރާތްތަކާއެކު ބިރަކާނުލައި މަޖާކުރަން ކަމަށާއި ސާފު ޗޮއިސްއަކީ ޕީޕީއެމް ކަމަށެވެ.

ރައީސް ޔާމީން އެޅުއްވި ފްލެޓް ހަވާލުކޮށް، ހޮސްޕިޓަލާއި މިސްކިތް ތިން އަހަރުންވެސް ނުހުޅުވުނީ ކޮން ބާރެއް ނެތިގެންތޯ ޑރ. ޖަމީލް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު ކިންގް ސަލްމާން މިސްކިތް ނުހުޅުވައި ގިނަ ދުވަސް ވަމުންދާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. މި ފާޑު ކިޔުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެ މިސްކިތް އަންނަ ރޯދަ މަހު ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވީ އަންނަ ރޯދަ މަހަށް ކިކިންގް ސަލްމާން މިސްކިތް ނުހުޅުވޭނެ ކަމަށެވެ.