ހދ. ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މެއި މަހު ފެށޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫގެ މަސައްކަތުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި ތާރު އެޅުމުގެ މަސައްކަތް މެއި މަހުގައި ފަށަން ހަމަޖެހިފައިވާ ކަމަށެވެ.
ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމްކުރުމާއި މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމްކުރުމާއި ފެންހިންދާ ނިޒާމެއް ގާއިމްކުރުމާއި 19,679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
ނޭޝަނަލް ހައުސިން، ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 46.7 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ 15 ޖޫން 2019 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު