ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އެންމެ ފުރަތަމަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ ކޯޓުގެ ރެޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވިއެވެ. ނަމަވެސް ރެޖިސްޓްރާގެ ނިންމުން އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މައްސަލަ ބަލައިގަތުމަށް ނިންމައިފައެވެ.
އެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ އޭރު ނިންމެވީ، އަމުރު އިސްތިއުނާފު ކުރުމަށް އޮންނަ 48 ގަޑިއިރަށްވުރެ ފަހުން ހުށަހެޅުމުން ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
އަލީ ވަހީދުގެ މައްސަލަ ހައި ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 3:00 އަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފައެވެ.
ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފައެވެ. ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި ހައިކޯޓުން މައްސަލައިގެ ހުކުމް ކުރާ ގޮތަކުން އޭނާއަށް ޖެހިވަޑައިގަންނަވާނީ ރާއްޖެ ވަޑައިގަންނަވަން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު