ގދ. ތިނަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.

ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ތިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަސްއަދު މިރޭ "ވަން" އަށް ވިދާޅުވީ ނެގި ސާމްޕަލްތައް ނެގެޓިވްވެފައިވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް މިއަދު މޮނީޓަރިންގެ ހާލަތުން ނަގައި، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެރަށުން 500 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި މީހުންގެ އިތުރުން ރެންޑަމްކޮށް ނެގި ސާމްޕަލްތައް ހިމެނޭ ކަމަށެވެ. ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫ އާންމު ހާލަތަށް ގެނެސްފައިވާ އިރު، މިއަދު ވަނީ އިތުރު ތިން ރަށަކުން ބަލި ފެނިގެން އެރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެގޮތުން މޮނީޓަރިންއަށް ލާފައިވަނީ ވ. ތިނަދޫ އާއި އދ. މަހިބަދޫ އަދި އދ. މާމިގިއްޔެވެ.

އަތޮޅުތެރޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، އަތޮޅު ތެރޭގައި 500 އަށްވުރެ ގިނަ އެކްޓިވް ކޭސްތައް އުޅެއެވެ. އަތޮޅުތެރެއިން މިހާރުވެސް 17 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.