ސްކޫލް ދަރިވަރުންނަށް ބަހުގެ ހިދުމަތް ތައާރަފު ކުރުމާއި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމުގެ ވައުދާއެކު ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މާލެ ސިޓީ މެނިފެސްޓޯ އާންމުކޮށްފިއެވެ.
އެމްޑީޕީ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ވެބްސައިޓުގައި މައިގަނޑު ފަސް ވައުދެއް ހިމެނެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި މާލޭގެ ކާރޫބާރޫކަން ކުޑަކުރުމަށް ސްކޫލު ބަހާއެކު، އާންމު ބަސް ދަތުރުފަތުރުގެ ހިދުމަތް ތައާރަފުކުރުމަށް ވަނީ ހިމަނައިފައެވެ. އަދި ޓެކްސީ ހުއްޓުމަށާއި މުދާ އަރުވައި ބޭލުމަށް ހާއްސަ ވަގުތާއި ސަރަހައްދުތައް ކަނޑައެޅޭނެ ކަމަށް މެނިފެސްޓޯގައި ބުނެއެވެ.
މީގެ އިތުރުން ބެޓެރީ އުޅަނދު އަދި ބައިސްކަލް ދުއްވުމަށް ހިތްވަރުދީ، އެކަމަށް މަގުފަހި ކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެއެވެ. އަދި މާލޭގެ މަގުތަކަށް އުޅަނދުފަހަރު ތަކާނެ މިންވަރު (ވެހިކަލް ކެރީން ކެޕޭސިޓީ) ކަނޑައެޅި، ތަންފީޒު ކުރެވޭނެ ކަމަށްވެސް މެނިފެސްޓޯގައިވެއެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން އާންމުކުރި މެނިފެސްޓޯގައި އެންމެ ބޮޑު ވައުދެއްގެ ގޮތުގައި އޮތީ ބޯހިޔާވަހިކަމުގެ ވައުދެވެ. އެ މެނިފެސްޓޯގައިވާ ގޮތުން ދިގު މުއްދަތަށް ދައްކައި ހަލާސްކޮށްގެންވެސް ފްލެޓް ގަތުމުގެ މާލީ ގާބިލުކަން ނެތް މީހުންނަށް ހާއްސަކޮށްގެން ކައުސިލް ހައުސިން ތައާރަފުކުރެވޭނެއެވެ. އެގޮތުން 3،000 އާއިލާއަކަށް ކައުންސިލް ހައުސިން ފޯރުކޮށްދެވޭނެ ކަމަށް މެނިފެސްޓޯގައިވެއެވެ. އަދި އެމީހުންނަށް 6،400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކުއްޔެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވެސް މެނިފެސްޓޯގައި ބުނެފައިވެއެވެ.
ކައުންސިލް ހައުސިންގެ އިތުރުން، ޖުމުލަ 10،000 ހައުސިން ޔުނިޓު މާލޭ ސަރަހައްދުގައި ގާއިމުކުރެވޭނެ ކަމަށް މެނިފެސްޓޯގައިވެއެވެ.
އެމްޑީޕީން މިފަހަރު ހުށަހަޅަނީ ސިޓީ ކައުންސިލުގެ ބެލެނިވެރިކަމުގެ ދަށުން ތައާރަފުކުރެވޭ އިޖުތިމާއީ ހިދުމަތުން އަދަބު ލުއިކޮށްދޭނޭ އާ ފުރުސަތެއް ފަހިކޮށްދިނުމުގެ ނިޒާމެކެވެ. އެއީ ޕެރޯލް ހަލުވިކޮށް، ޕްރޮބޭޝަން ބެލެހެއްޓުންތެރިކަމުގެ ނިޒާމެކެވެ.
ގާތްތިމާގެކަމާއި އެކުއުޅުމުގެ ގުޅުންތަކަށް ފަހި ދިރޭ މުޖުތަމައެއް ބިނާކުރުމުގެ މައްޗަށް ހުރިހާ ތަދުބީރެއް ކުރަން ފެށޭނެ ކަމަށް މެނިފެސްޓޯގައި ބުނެއެވެ. އެގޮތުން އެކަކު އަނެކަކަށް އަޅާލައި، އެކި މިޒާޖުގެ އެކި އުމުރުފުރައިގެ ދެ ޖިންސުންގެ އެންމެން ހިތްފަސޭހަ ކަމާއެކު މިލިއުޅެވޭނެ އުފާވެރި ވެއްޓެއް ގާއިމުކުރުވޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.
ކޮންމެ ދާއިރާއެއްގައި ގާއިމުކުރެވޭ ޖޮބް ސެންޓަރުތައް މެދުވެރިކޮށް ވަޒީފާއާއި މަސައްކަތްތެރީންނާއި ވަޒީފާ އަދާކުރާ މީހުންގެ މައުލޫމާތު އެއްކޮށް ބެލެހެއްޓޭނެ ކަމަށް އެމްޑީޕީން ވައުދުވެއެވެ.
އެ ޖޮބް ސެންޓަރުގައި މަގުސަދަކީ ހުސް ވަޒީފާއާއި ވަޒީފާ ނެތް މީހުން ގުޅުވައިދިނުމެވެ. ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުން ދޭ އިނާޔަތް ފޯރުކޮށްދެވޭނެ ކަމަށް މެނިފެސްޓޯގައި ބުނެއެވެ.
އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.
ޚަބަރު
ޚަބަރު
ޚަބަރު