މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ތިން ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ ފުރަތަމަ ދުވަހާ ހަމައަށް ރާއްޖެއަށް 302،491 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 307,543 އަށް އަރައިފައެވެ.
މިއީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދުގެ 55 ޕަސެންޓެވެ. މިދިޔަ އަހަރުގެ ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޖުމުލަ 555،494 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހު 92،102 ފަތުރުވެރިން އަދި ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ހުސްވި މާޗު މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 109،585 އަށް އަރައިފައެވެ.
ކޮންމެ މަހަކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، މިއަހަރު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖަނަވަރީ މަހު ދުވާލެއްގެ މައްޗަށް އެވުރެޖުކޮށް 2971 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފެބްރުއަރީ މަހު އައިސްފައިވަނީ 3460 ފަތުރުވެރިންނެވެ. އަދި މާޗު މަހު އެ އަދަދު ވަނީ 3535 އަށް އަރައިފައެވެ.
މިއަހަރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ރަޝިއާގެ އިތުރުން ޔޫކްރެއިން، ޖަރުމަން އަދި ކަަޒަކިސްތާންއެވެ.
ޚަބަރު
ޚަބަރު
ޚަބަރު