ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓްތަކުގެ ގުރުއަތުލުން މި މަހުގެ މެދު ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލު ވިދާޅުވެއްޖެ އެވެ.
ހިޔާ ފުލެޓްތަކުގެ ދާއިމީ ލިސްޓު މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އާންމު ކޮށްފައިވާއިރު، ހައުސިން މިނިސްޓްރީން މިހާރު އަންނަނީ ފުލެޓް ހަވާލުކުރުމުގެ ކުރިން އެ ލިސްޓަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތައް ބަލައި ލިސްޓު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސުހެއިލު މިއަދު "ވަން" އަށް ވިދާޅުވީ، ގުރުއަތުލުމުގެ ކަންކަން މިމަހުގެ މެދުތެރޭގައި ބޭއްވުމަށް އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. ނަމަވެސް ފުލެޓުތަކަށް ކަރަންޓު ލުމުގެ މަސައްކަތް އަދި ނިމިފައި ނުވާތީ ފުލެޓުތަކުގެ ތަޅުދަނޑި ހަވާލު ކުރެވޭނެ ސީދަ ތާރީހެއް ބުނަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
ސުހެއިލު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ގުރުއަތުލުމުގެ އިވެންޓު ކުރިއަށް ގެންދާނީ ލައިވްކޮށެވެ. އަދި އެކަމަށް ގާތްގަނޑަކަށް ހަފުތާއެއް ނަގާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ފުލެޓުތައް ހަވާލުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ނިމިފައި ނުވާތީ އެކަން ކުރެވިފައެއް ނުވެ އެވެ. ސަރުކާރުން މިހާރު ބުނެފައިވަނީ ފުލެޓުގެ ތަޅުދަނޑި މިމަހުގެ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު