ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފިއެވެ.

ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައި ވަނިކޮށް އެ މައުލޫމާތު އެނގި ހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ދެ ފަރާތަކަށް ސިޓީ ފޮނުވައި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލު ކުރުމަށް ހުއްދަ ދިނުމުންނެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކީ ދެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ކަންކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެވެ.

އެގޮތުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ އެ މައްސަލައަކީ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްގެ ގޮތުގަ އެވެ. އަދި މައްސަލައިގެ ޝަރީއަތް ފަށާފައިވާ ކަން ހާމަކޮށް ގާޒީ ވިދާޅުވީ އިތުރު އަޑުއެހުމެއް ބާއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށެވެ.

އެ މައްސަލަ މީގެ ކުރިން ބެއްލެވީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ގާޒީ ކަމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.