ވިލާ ކުންފުނި އަތުން ގދ. ކާޑެއްދޫ އެއާޕޯޓު އަތުލި މައްސަލައިގެ ޝަރީއަތުގައި، އެ މައްސަލައާ ގުޅިގެން ދައުލަތުން ދައްކަނީ އަގެއް އަދި ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
ގދ.ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާއާ ހަވާލު ކުރީ 2013 ގަ އެވެ.
ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ، 2017 ގައި ސަރުކާރުން ވަނީ އެތަން އަތުލައިފަ އެވެ. އެ މައްސަލަ ވިލާ އެއާ އިން ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި 2018 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެއާޕޯޓް އަތުލާފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2019 ވަނަ އަހަރު ހައި ކޯޓުން ވެސް ވަނީ އެ ސިވިލް ކޯޓިގެ ހުކުމަށް ތާއިދު ކޮށްފަ އެވެ.
މިހާރު އެ މައްސަލައިގެ އިސްތިއުނާފު ކުރިއަށްދަނީ ސުޕްރީމް ކޯޓުގައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ވިލާއިން ކާޑެއްދޫ އެއާޕޯޓް ނެގީ ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ނޮކޮށްގެން ކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ކާޑެއްދޫ އެއާޕޯޓް މިހާރުވެސް ހިންގަނީ، ވިލާ އެއާއިން ވަކި ކުރިއިރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ.
އެގޮތުން ރަންވޭއަށް ގެނައި ބަދަލެއް ނެތް ކަމަށާއި، އެއާޕޯޓުގެ ސްޓްރަކްޗާއަށް ގެނައި ބަދަލެއްވެސް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ގާސިމް ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ދައްކަނީ އަގެއް އަދި ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ގާސިމް ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓް ހިންގަން ޖެހެނީ ގެއްލުމުގައި ކަމުން، އޭގެ ބަދަލެއްގެ ގޮތުން ރިސޯޓު ހެދުމަށް ގދ. މެންދޫ ވިލާއަށް ދިނުމަށް ކާޑެއްދޫ އެއާޕޯޓްގެ އެއްބަސްވުމުގައިވާ ގޮތަށް އެރަށް އަދި އަދަށް ދާންދެން ވެސް ވިލާއަށް ދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެއާޕޯޓް ހިންގީ ބޮޑޫ ހަރަދެއްކޮށް ގެއްލުމުގައި ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް