އެކިއެކި ސަބަބުތަކާ ހުރެ ހުސްވެފައިވާ ޕާކިން ސްލޮޓު ތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މާލޭގެ އެކިއެކި ސަރަހައްދުތަކުގައި އަގު ނަގައިގެން ޕާކު ކުރެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ ހަތަރު ފުރޮޅުލީ ވެހިކަލް ޕާކިން ޒޯނުތަކުގައި އެކިއެކި ސަބަބުތަކާ ހުރެ ހުސްވެފައިވާ ސްލޮޓުތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
މި ޒޯންތަކުން ދޫކުރާ ޕާކިން ސްލޮޓެއްގެ އަގަކީ މަހަކު 3،000 ރުފިޔާ އެވެ. މި ޒޯނުތަކުން ޖާގަ ދޫކުރާނީ ކާރާއި، 350 ކިލޯއަށްވުރެ މަތި ނޫން ޕިކަޕަށެވެ. މި ޒޯންތަކުން ޕާކިން ސްލޮޓު ލިބެން ހުރި އަދަދު އެ ކައުންސިލުގެ ވެބްސައިޓްގައި އާއްމު ކުރާނެ ކަމަށާއި ޕާކިން ސްލޮޓަށް އެދޭނީ މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށް ގާއިމުކޮށްފައިވާ "ޕާކިން" ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ޕާކިން ސްލޮޓަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭ މައުލޫމާތާއި، ހުށަހަޅަން ޖެހޭ ލިޔެކިޔުންތަށް އަދި އަމަލުކުރަން ޖެހޭ ގޮތް ޕާކިން ޕޯޓަލްގައިވާ "ޕާކިން އުސޫލު" އިން އެނގެން އޮންނާނެ ކަމަށާއި ޕާކިން ސްލޮޓަށް އެދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޖާގަ ހުސްވަންދެން ޖާގަ ކަށަވަރު ވަމުންދާނެ ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު