ކޮވިޑް ކޭސްތަކާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ލާފައިވާ ރަށްރަށަށް ވެސް ވޯޓުލާން ދެވޭ ގޮތަށް ހުއްދަ ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އަތޮޅުތެރެއިން ފެންނަ ކޭސްތައް އިތުރުވެ، 17 ރަށެއް މިވަގުތު ވެސް އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ވޯޓު ލާން ނުދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ވަނީ ބުނެފައެވެ.
ނަމަވެސް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅޭ ރަށްޔިތުންނަށް އެއް ރަށުން އަނެއް ރަށަށް ވޯޓުލާން ދިއުމުގެ ހުއްދަ ދޭން އެޗްޕީއޭ އިން ނިންމާފައިވާ ކަމަށެވެ.
"މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށަށް ވެސް ރަށުގެ ޓާސްކު ފޯސްއާ ގުޅިގެން ހަމަ އެކަނި ވޯޓުލުމަށް ހުއްދަ ލިބޭނެ،" ޝަރީފު ވިދާޅުވިއެވެ.
އޭނާ މިގޮތަށް ވިދާޅުވި އިރު، އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވޯޓުލާން ރީ-ރެޖިސްޓަރީ ކުރުމުގެ ފުރުސަތު ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން މިހާރު ވޯޓުލާ ތަން ބަދަލެއް ނުކުރެވޭނެއެވެ.