އައްޑޫ ސިޓީ. މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށުމަށް މިއަދު މީދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޒު އަލީ އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރާއި ހުޅުދޫ ދާއިރާގެ މެމްބަރާއި އައްޑޫ ސިޓީގެ މޭޔަރު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 1848 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ ކަމަށެވެ. މި މަޝްރޫއަކީ ޖުމުލަ 5.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.