ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ޖަހާނީ ފެބްރުއަރީ 1-4 އާ ދެމެދު ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ދޭން ފަށާއިރު، ފެބްރުއަރީ 1-4 އާ ދެމެދު ފުރަތަމަ ޑޯޒް ޖެހި ކޮންމެ މީހަކަށްވެސް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ކަމަށެވެ. ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ދޭން ފަށަނީ މާލޭ ސަރަހައްދުގައެވެ.

  • ސޯސަލް ސެންޓަރު (ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް)
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު (ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް)
  • ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) (ހެނދުނު 10:00 އިން މެންދުރުފަހުު 3:00 އަށް)
  • ނޭޝަނަލް އާޓް ގެލަރީ (ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް)
  • ސެނެހިޔާ (ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް)

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މީގެ ކުރިން ވިދާޅުވި ގޮތުގައި މާދަމާއިން ފެށިގެން ރާއްޖޭގައި ކޮވިޝީލްޑު ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށާ އިރު, އެ ވެކްސިން ދޭނީ ހަމައެކަނި ދެވަނަ ޑޯޒު ޖަހަންޖެހޭ މީހުންނަށް އެކަނި ކަމަށެވެ. އެއީ ރާއްޖޭގައި ކޮވިޝީލްޑު ވެކްސިން ހުރީ ވެސް އެ މިންވަރަށް ކަމުގައިވާތީ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި ދެން އެއްވެސް މީހަކަށް ކޮވިޝީލްޑު ވެކްސިންގެ ފުރަތަމަ ޑޯޒެއް ނުދޭނެއެވެ. ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ ސައިނޯފާމް ވެކްސިނެވެ. އެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ދީފައެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުން ގަންނަން ނިންމި 300,000 ކޮވިޝީލްޑް ވެކްސިންގެ ތެރެއިން 100,000 ވެކްސިން ޑޯޒު ދާދިފަހުން ރާއްޖެ ވަނީ ގެނެސްފައެވެ. އަދި އިތުރު އެއް ލައްކަ ޑޯޒު ވަރަށް އަވަހަށް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.