ދުނިޔެ

ލަންކާގައި ޗައިނާގެ ސައިނޯފާމް ވެކްސިން ބޭނުންކުރުމަށް އެގައުމުގެ ސިއްހީ މާހިރުން ދެކޮޅު

ސްރީލަންކާގެ ރައްޔިތުންނަށް ޗައިނާގެ ސައިނޯފާމް ވެކްސިން ދިނުމުގެ ހުއްދަ ނުދޭން އެގައުމުގެ އެންމެ އިސް ސިއްހީ މާހިރުން ނިންމައިފި އެވެ.

ލަންކާގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރާ ސިއްހީ މާހިރުން އެގޮތަށް ނިންމާފައި މިވަނީ, ޗައިނާ އިން އެގައުމަށް ސައިނޯފާމް ވެކްސިންގެ 600,000 ޑޯޒް ހަދިޔާ ކޮށްފައި ވަނިކޮށެވެ.

ލަންކާގެ ދަ އެސޯސިއޭޝަން އޮފް މެޑިކަލް ސްޕްޝަލިސްޓްސް (އޭއެމްއެސް) އިން ނެރެފައިވާ ބަޔާނެއްގައި އެ އެސޯސިއޭޝަންގެ ރައީސް އަދި ކޮންސަލްޓެންޓް ސާޖަން ޑރ. ލަލަންތަ ރަނަސިންގަ ވިދާޅުވީ, ސައިނޯފާމް ވެކްސިން ބޭނުންކުރުމުގެ އެމަޖެންސީ ހުއްދަ ދިނުމުގެ ކުރިން އެ ވެކްސިނާ ގުޅިގެން ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކާއި ސައިންޓިފިކް ލަފާ ހޯދުމަށް ނެޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެމްއާރުއޭ) އިން ކަމުގެ މާހިރުން ހިމެނޭ މިނިވަން ޕެނަލެއް އެކުލަވާލި ކަމަށެވެ.

އަދި އެ ޕެނަލުން އާންމުކުރި ރިޕޯޓުގައި ބުނީ, ސައިނޯފާމް ވެކްސިން އުފެއްދި ކުންފުނިން ފޯރުކޮށްދިން ހުރިހާ ޑޭޓާތަކެއް ރިވިއު ކުރުމަށްފަހު އެ ވެކްސިނުގެ ރައްކާތެރިކަމާއި ވައިރަހާ ދެކޮޅަށް އެކަށީގެންވާ މަސައްކަތެއް ކުރާކަން ކަށަވަރު ކުރެވިފައިނުވާ ކަމަށެވެ.

ލަންކާގެ އިންޓަނޭޝަނަލް މެޑިކަލް ރިސާޗާ އެންޑް ޑައިރެކްޓަރު އެޓް އިންސްޓިޓިއުޓް އޮފް ހެލްތު ޕޮލިސީ ޑރ. ރަވިންޑްރަ ރަނަން އެލިޔާ ވެސް ވިދާޅުވީ, ސައިނޯފާމްއާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީފައި ނުވާތީ, އާންމުންގެ ގަޔަށް އެ ވެކްސިން ޖެހުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. އަދި އެ ވެކްސިނަށް ހޮންގް ކޮންގް އިން ވެސް ހުއްދަ ދީފައިނުވާ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ލަންކާގެ ޗީފް އެޕިޑެމިއޮލޮޖިސްޓް ޑރ. ސުދާތު ސަމަރަވީރާ ވިދާޅުވީ, ޗައިނާ އިން ހަދިޔާކުރި ސައިނޯފާމް ވެކްސިން ކޮލަމްބޯ, ކޭންޑީ, ޕުއްތަމު އަދި ހަމްބަންތޮޓާގައި އުޅޭ ޗައިނާގެ ރައްޔިތުންނަށް އެކަނި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އާންމުންގެ ގަޔަށް އެ ވެކްސިން ޖެހުމުގެ ކުރިން ޑަބްލިޔުއެޗްއޯގެ ހުއްދަ ހޯދާނެ ކަމަށާއި އެކަމަށް މަޑުކޮށްގެން ތިބި ކަމަށް ވިދާޅުވި އެވެ.