އައްޑޫ ސަރަހައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސިއީއޯ ޝާހިދު އަލީއެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުالله ސޯދިގު (ސޯބެ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ސަރަހައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500،972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.05 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޕީއެލުން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 211.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 525 ދުވަސްތެރޭގައެވެ.