ބާތިލުގޮތުގައި މީސްތަކުން މުދާ ކެއުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ވިޔަފާރި ކުރުމުގެ ބޭނުމުގައި ގެންނަ ބައެއް ބާވަތް މުދަލުގައި ވަރަށް ބޮޑަށް އޮޅުވާލުމާއި، މަކަރު ހަދަމުންދާކަމުގެ ޝަކުވާގެ އަޑުތައް މުޖުތަމައުގައި ފެތުރެމުންދާ ކަމަށާއި މިއީ ބައެއް ވިޔަފާރިވެރިން ކުރަމުންދާ ކަމެއް ކަމުގައި ވެދާނެ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބުރޭންޑުތަކުގެ ކާބޯތަކެއްޗާއި، ހިފާ ގެންގުޅޭ ސާމާނާއި، އިލެކްޓްރޯނިކް ސާމާނާއި، ލޯޝަނާއި، ދޮންނަ ކުނޑީގެ ގޮތުގައި ބޭނުންކުރާ ބައެއް ބާވަތްތަކާއި، މިނޫނަސް ވަރަށް ގިނަ ބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

"އެހެންނަމަވެސް، ބައެއް ވިޔަފާރިވެރިން އެ މުދާ ވިއްކުމުގައި މަކަރު ހަދައި، އޮޅުވާލުމުގެ ނިޔަތުގައި، އެއަށްވުރެ އަގުހެޔޮކޮށް ތައްޔާރުކޮށްފައިވާ ފެންވަރު ދަށް، އަދި އެ އެއްޗެއް ބޭނުންކުރާ މީހަކަށް އެތައް ގެއްލުން ލިބޭ މުދާ، ދުނިޔޭގައި މަޝްހޫރު، ކޮލިޓީ ރަނގަޅު ބްރޭންޑުތަކުގެ ނަމުގައި އުފައްދައިގެން އެތެރެކޮށް، ވިއްކަމުންދާ ކަމަށް ވެއެވެ. މިއީ، މުދާ އުފައްދާ ފަރާތްތަކަށާއި، ގަންނަ ފަރާތްތަކަށް ގެއްލުން ލިބޭނެ ކަމެކެވެ. މިގޮތަށް ވިޔަފާރިކުރުމަކީ މަކަރާއި ހީލަތް ހަދައިގެން މީސްތަކުންނަށް އޮޅުވާލައިގެން ވިޔަފާރިކުރުމެވެ. މިކަމުގެ ސަބަބުން، ވިޔަފާރިވެރިންގެ މައްޗަށް މީސްތަކުންގެ ހިތްތަކުގައި އޮންނަ އިތުބާރު ކުޑަވެގެން ދާނެއެވެ. ބާތިލުގޮތުގައި މީސްތަކުންގެ މުދާ ކެއުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ކޮންމެ މީހަކު ވެސް ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާއިން، ދިރިއުޅުމަށް ބޭނުންވާ ތަކެތި ގަންނަނީ އެ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެތި ކަމަށް ހީކޮށްގެން ކަމަށާއި ނަމަވެސް އެ ތަކެތީގެ ބޭނުންކުރަން ބަލާއިރު، އެއީ ބޭނުންކުރެވޭ ވަރަށް ވުރެ ފެންވަރު ދަށް، ނުވަތަ ގެއްލުން ހުރި ތަކެއްޗަށްވުމުން، ބޭނުން ނުކުރެވި، އެކަމަށް ހަރަދު ކުރި ފައިސާ ބޭކާރުވެގެން ދިއުމުގެ އިތުރަށް ބައެއް ފަހަރު އެއިން ސިއްހީ ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހޭ ކަމަށެވެ.

"މުދަލާއި ތަނަވަސްކަން ހޯދުމަކީ، އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ހުއްދަ ކުރައްވާފައިވާ ގޮތަށް މަސައްކަތް އާމްދަނީ ހޯދުމަށް ހިތްވަރުދޭ ދީނެކެވެ. ތަރައްގީ އާއި ތަހުޒީބަށް އިސްކަންދޭ ދީނެކެވެ. މާތްﷲ ވިޔަފާރި ހުއްދަކުރައްވައި، ރިބާ ހަރާމްކުރެއްވިއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ވިޔަފާރިވެރިންނަށް ނަސޭހަތްތެރިވަމުން ހުތުބާގައި ބުނެފައިވަނީ މީސްތަކުންނަށް ތަކެތި ގަތުމަށް ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި، މުދަލުގެ އަގު ބޮޑުކޮށްގެން ވިއްކުމަކީ ވިޔަފާރި ހުއްދަ ކުރެވުނު ޝަރުއީ މަސްލަހަތާ ފުށުއަރާ ކަމެއް ކަމަށާއި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގައި ދަތި ހާލުގައި މީސްތަކުން އުޅޭއިރު، އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ވަގުތެއްގައި، ތަކެތީގެ އަގު ބޮޑުކުރުމަކީ ނިކަމެތީން އިތުރަށް ނިކަމެތިވެގެން ދާނެ ކަމެއް ކަމަށެވެ.

"ވިޔަފާރި މުދަލުގެ އަގު ކަނޑައެޅުމުގައި، ވިއްކާމީހާއަށް މިނިވަންކަން ލިބިގެންވުމާއި، ވިއްކާ މުދަލުގެ ފައިދާލާނެ ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ. ނަމަވެސް އިސްލާމްދީނުގެ ސަމާހަތްތެރިކަމާއި ލުއިދިނުން ފަދަ ޝަރުއީ އަދަބުތަކަށް ރިއާޔަތް ކުރުމަކީ ލާޒިމު ކަމެކެވެ. މީސްތަކުންގެ މަސްލަހަތު އިސްކުރުމަކީ ވިޔަފާރީގައި ﷲ ބަރަކާތް ލައްވާނޭ ކަމެކެވެ. މުދާ ތާހިރުކުރައްވައި އިތުރުކުރައްވާނޭ ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ އިހުތިކާރު ކޮށްގެން ނުވަތަ ބޭނުން ޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ، ހިފެހެއްޓުމަށްފަހު އެ މުދަލުގެ އަގު ބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކައިގެން ފައިދާ ހޯދުމަކީ އިސްލާމް ދީނުގައި ހުއްދަ ވެގެންވާ ކަމެއް ނޫން ކަމަށެވެ.