ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅެން ތައްޔާރުވަމުން އަންނަ ދެ މެޗުގައިވެސް ކެޕްޓަން ސާޖިއޯ ރާމޯސް ނުކުޅޭނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސްޕެއިން ގައުމީ ޓީމާއެކު މަސައްކަތް ކުރަމުން އަންނަނިކޮށް ފައިގެ ކުޑަ ކަޅުވާއަށް ދިމާވި އަނިޔާއެއްގެ ސަބަބުން ރާމޯސްއަށް ގިނަ މެޗުތަކެއް ގެއްލޭނެ ކަމަށް ބެލެވޭއިރު، އޭނާގެ ފަޔަށް އެންމެ ފުރަތަމަ މައްސަލަ ދިމާވެފައި ވަނީ ކޮސޯވޯއާ ދެކޮޅަށް ސްޕެއިނުން ކުޅުނު މެޗުގެ ތަމްރީނުތަކުގައި އުޅެނިކޮށެވެ. ތަމްރީނުތަކުގައި އަނިޔާވެ ހެދި ސްކޭންތަކުން ދައްކާ ގޮތުން މަސްގަނޑަށް ލިބިފައިވާ އަނިޔާ ބޮޑެވެ.
އަނިޔާގެ ސަބަބުން އުމުރުން 35 އަހަރުގެ ކެޕްޓަން ރާމޯސްއަށް ރެއާލްއިން ލިވަޕޫލާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލްގެ ދެ ލެގުގެ އިތުރުން ލަލީގާގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހޭ އެލް ކްލެސިކޯ މެޗުވެސް ގެއްލޭނެ ކަމަށް ބެލެވެއެވެ.
ރާމޯސް އިންސްޓާގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މުހިއްމު މެޗުތައް ގެއްލުމަކީ ވަރަށް ހިތްދަތިވާ ކަމެއް ކަމަށާއި، މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް އެނބުރި ދަނޑު މައްޗަށް ނުކުންނަން ކަމަށެވެ.
ލިވަޕޫލާއި ރެއާލްގެ ކުރިމަތިލުމަށް ގިނަ ބައެއްގެ ކަޅި ހުއްޓުނީ ރާމޯސް އާއި މުހައްމަދު ސަލާހްގެ ކުރިމަތިލުމަކަށް ވާތީއެވެ. 2018 ވަނަ އަހަރު ރެއާލް އާއި ލިވަޕޫލް، ކިއޭވްގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރާމޯސް ޖެހިގަނެގެން ސަލާހް ވެއްޓި އޭނާގެ ކޮނޑު ބިންދައިގެން ދިޔަ ދިޔުމަށް ގިނަ ވާހަކަތަކެއް ކުރީގައިވެސް ދެކެވިފައި ވެއެވެ. އެ ފަހަރު ސަލާހްގެ ކޮނޑު ބިންދާލުމަށް ރާމޯސް ގަސްދުގައި ހަމަލާ ދިން ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
އެ ދެކުޅުންތެރިން އަނެއްކާވެސް ކުރިމަތިލާން ޖެހުމާއެކު ގިނަ ބަޔަކު ވަނީ އެކަމާ ގުޅޭ ސުވާލުތައް ސަލާހާ ވެސް ކުރިމަތި ކުރުވާފައެވެ. ސަލާހް ބުނެފައި ވަނީ އެކަމާ ގުޅިގެން އެއްވެސް ހިތްބުރަ ކަމެއް ރާމޯސް އަށް ނެތް ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު