ގަތަރުގައި 2022 ވަނަ އަހަރު ބާއްވަން ތައްޔާރުވެފައިވާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ އިންގްލެންޑާއި ސްޕެއިން އަދި ފްރާންސުން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
ރޭ އިންގްލެންޑުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، އެޓީމުން މޮޅުވި ގޯލް، މެޗުގެ 85 މިނެޓުގައި ކާމިޔާބު ކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާއެވެ. އިންގްލެންޑުން މިހާތަނަށް ކުޅެފައިވާ ކޮލިފިކޭޝަންގެ ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ.
ޕޮލެންޑުން އެގައުމުގެ އެންމެ އިތުބާރު ފޯވަޑް، އަދި ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ ރޮބާޓް ލެވަންޑޮސްކީއާ ނުލައި ރޭގެ މެޗަށް ނުކުމެފައިވާއިރު، މެޗުގައި މޮޅަށް ކުޅެ، ފުރަތަމަ ހާފް ނިމުނުއިރު، އިންގްލެންޑުން ވަނީ ލީޑު ނަގާފައެވެ. ހެރީ ކޭން ގައުމީ ޓީމަށް ޖަހައިދިން 34 ވަނަ ގޯލާއެކު އިންގްލެންޑުން ލީޑު ނެގީ އޭރިއާ ތެރެއިން ޕޮލެންޑުން މައިކަލް ހެލިކް، އިންގްލެންޑުގެ ރަހީމް ސްޓާލިންއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީންނެވެ.
ދެވަނަ ހާފްގައި އިންގްލެންޑް ފެނުނީ ދަށްކޮށެވެ. އޭގެ ފައިދާ ނަގައި ޕޮލެންޑްގެ ޖަކުބް މޯޑާ ވަނީ ނަތީޖާ ހަމަހަމަވެސް ކޮށްފައެވެ. އެހެންނަމަވެސް އިންގްލެންޑުން ވަނީ 85 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ ބޭނުން ހިފައި ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ.
ސްޕެއިންއިން ކޮސޯވޯއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްފައިވާއިރު، އެ މެޗުގައި ސްޕެއިންގެ ގޯލްތައް ޖަހައިދިނީ ޑެނީ އޮލްމޯ އާއި ފެރަން ޓޮރޭސް އާއި ޖެރާޑް މޮރޭނޯއެވެ. ސްޕެއިން އިން މިހާތަނަށް ކުޅުނު ވޯލްޑް ކޮލިފިކޭޝަންގެ މެޗަކުން ބަލިވެފައި ނުވާއިރު، އެޓީމު އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ.
ފްރާންސުން ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، އެޓީމުގެ ހަމައެކަނި ގޯލް ޖަހައިދިނީ ބާސެލޯނާގެ ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު