ޅ. ކުރެންދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއާއެކު ޅ. އަތޮޅުގެ ހުރިހާ ރަށަކަށް ކޮވިޑް ފެތުރުނީ އެވެ.

ކުރެެންދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އިބްރާހިމް މުހައްމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެރަށުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިއީ ނައިފަރު ކްލަސްޓާއާ ގުޅުން ހުރި ދެ މީހުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މުޅި ޅ. އަތޮޅަށް މިހާރު މިބަލި ފެތުރިފައިވާއިރު އެ އަތޮޅުގެ ކުރެންދޫ ފިޔަވައި އެހެން ހުރިހާ ރަށްތަކެއް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.

ކުރެންދޫން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ދެ މީހުންގެ ތެރޭގައި ކުޑަ ކުއްޖެއްވެސް ހިމެނެ އެވެ.

އިބްރާހިމް ވިދާޅުވީ މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ކުރެންދޫ އިން ޕޮޒިޓިވް ކޭހެއް ފެނިފައިވާ ކަމަށް އަދި މިހާތަނަށް ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން އެރަށް އަދި މޮނިޓަރިން އަށް ލާފައި ނުވާ ކަމަށެވެ.

ޅ. އަތޮޅަށް ބަލި ފެތުރުނު ގޮތް އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު ފެލިވަރުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވެ އެ މީހުންނާ ކޮންޓެކްޓްވި ގިނަ ބަޔަކު އެ އަތޮޅުން ވަނީ ޕޮޒިޓިވް ވެފަ އެވެ.