އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހދ. މަކުނުދުއަށް މިއަދު ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖުތަކުގެ އިތުރުން މަކުނުދޫން ސުޕަނެޓްގެ ހިދުމަތް ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބިގެންދާނެ ކަމަށެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރެވޭނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަރު ރަނގަޅު، ކޮލިޓީ އިންޓަނެޓެއް ފޯރުކޮށްދެވިގެން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަދު މަކުނުދުއަށް ސުޕަނެޓް ތައާރަފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު ބޮޑެތި ޑޭޓާ އެލަވަންސް ހެޔޮ އަގުގައި މިހާރު މަކުނުދޫގެ ރައްޔިތުންނަށް ލިބި އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ. އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖޭގެ މުޖުތަމައުތައް ގުޅުވާލަދީ އިތުރު ފުރުސަތުތަކާއެކު އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުން ފަހިކޮށްދިނުން،" ނިޔާޒު ވިދާޅުވިއެވެ.

އުރީދޫން ބުނީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަޕްގްރޭޑްކޮށްފައިވާ ކަމަށާއި އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން މަކުނުދޫގެ ރައްޔިތުންނަށް އެންމެ ހެޔޮއަގުގައި އިންޓަނެޓުގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.