އެމްޔޫ ސްޓޯރު ފަޅާލައި އެތަނުގެ ތިޖޫރީން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައިގައި ދައުވާ އުފުލި ފަރާތްތަކަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވުމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ 2016 ވަނަ އަހަރު އެވެ. ފިލާ ބިލްޑިންގުގެ ސެކިއުރިޓީ އަށް ހުރި މީހާ ރަހީނު ކުރުމަށް ފަހު، އެތަނުގައި ހުރި އެމްޔޫ ސްޓޯރު އޮފީހުގެ ތިން ތިޖޫރީ ފަޅާލައި 2.5 މިލިއަން ރުފިޔާ އާއި 211،000 ޑޮލަރު (3.2 މިލިއަން ރުފިޔާ) ވަނީ ވަގަށް ނަގައިފަ އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ، މ. އޭޝިއާ، އަހުމަދު ފާރިޝްއާއި މއ. ކަޅުފެހިގޭ އަހުމަދު ޝިފާންއާއި ހ. ބުރަކިގެއާގޭ، އިސްމާއިލް ސަޔާހުއާއި ހ. ރޯޝަންވިލާ ޔޫސުފް ޝާހީންއާއި ލ. ގަން ތުނޑީ އަވަށު، ހިމާޔަތް، މޫސާ ޔޫސުފުގެ މައްޗަށެވެ.

އެ ފަސް މީހުންގެ މައްޗަށް އުފުލާފައިވަނީ، ވައްކަން ކުރުމުގެ ދައުވާ އާއިި މުދަލަށް ގެއްލުން ދިނުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އަދި ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އެވެ.

ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި ނަމަވެސް އެ ހުރިހާ މީހުން ވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފަ އެވެ. އަދި ދިފާއުން އެ މީހުން ވެސް ހެކި ހުށަހެޅި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް މިދިޔަ އާދިއްތަ ދުވަހު އިއްޔި އެ ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކު، އެ މީހުން އެ އަމަލު ހިންގި މަންޒަރު ފެނިފައިވާ ކަމަށް ބުނެފައި ނުވާ ކަމަށާއި އަދި އޮފީހުގެ އެއްވެސް ތަނަކުން އަދި އެއްޗަކުން ވެސް ތުހުމަތުވާ މީހުންގެ އިނގިލީގެ ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.

އެހެންކަމުން ގާޒީ އަލީ އާދަމް ހުކުމް ކުރައްވާފައިވަނީ، އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެއީ ދައުލަތުން އެ މީހުންގެ މައްޗަށް ދައުވާ ސާބިތުކޮށްދެވޭ ވަރަށް ހެކި ހުށަހަޅާފައި ނެތުމުން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފުލުހުން އޭރު ބުނެފައިވަނީ އެއީ މިހާތަނަށް ރާއްޖޭގައި ހިނގި އެފަދަ އެންމެ ބޮޑު ވައްކަން ކަމަށެވެ. އަދި ވަގަށް ނެގި ފައިސާގެ ބައެއް އޭރު ފުލުހުން ވަނީ ހޯދައިފަ އެވެ.