ޅ. ނައިފަރާއި ކ. ހުރާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ދެ ރަށުގައި ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ނައިފަރުގައި އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އެ ކޭސްއާ ގުޅިގެން އެރަށް މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތްއިރު، މިއަދުގެ ނިޔަލަށް އެރަށުން ވަނީ 72 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެރަށުން މިއަދުގެ ނިޔަލަށް ވަނީ 104 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވާފައިވާ އިއުލާނުގައި ވަނީ ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހަށް ނައިފަރާއި ހުރާގައި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

  • ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުން
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން
  • ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން
  • ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނޭ
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން
  • ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުން
  • ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި ރައްކާތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން
  • ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، އަތޮޅުތެރޭގެ ރަށްތަކުގައިވެސް ވަނީ ބޮޑެތި ކްލަސްޓާތައް އެފެދިފައެވެ. އެގޮތުން މިހާރުވެސް 13 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބަ އޮތެވެ. އަދި ބައެއް ރަށްރަށުގައި ކޭސްތަކުގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އަތޮޅުތެރޭގެ ރައްޔިތުން ފަރުވާ ކުޑަ ނުކުރުމަށާއި ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މާސްކް އެޅުމަށާއި ހެލްތު ޓާސްކްފޯސްތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.