އަންހެނުންގެ ދައުރާއެކު ކައުންސިލްތަކުގެ ހިންގުންތެރިކަން މާ ރަނގަޅަށް ކުރިއަރައިދާނެ ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތް ކަމަށްވެސް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކައުންސިލްތަކާއި ޔޫއެސް އެއިޑް އަދި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގުޅިގެން ފެށި "ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް" ނިންމާލުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ގާނޫނުތައް އިސްލާހު ކުރެވިފައި ވަނީ ކައުންސިލްތަކުގެ ގޮނޑިތަކުގެ ތިން ބައި ކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ލިބޭ ގޮތަށް ކަމަށެވެ. އެހެންކަމުން ރަށްތައް ތަރައްގީ ކުރުމުގައި ރާއްޖޭގެ މުޅި އާބާދީ ޝާމިލުވެވޭނެ ކަމަށެވެ. އަދި އެއީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަންހެނުންގެ ދައުރާއެކު ކައުންސިލްތަކުގެ ހިންގުންތެރިކަން މާ ރަނގަޅަށް ކުރިއަރައިދާނެ ކަމަށާއި އަންހެން ބޭފުޅުން އިންތިހާބީ ދައުރެއް އަދާކުރުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"އަންހެނުންގެ ދައުރަކާއެކީގައި ހިންގުންތެރިކަން މާ ރަނގަޅަށް ކުރިއަރައި ދާކަން އެއީ ފެންނަން އޮތް ހަގީގަތެއް. އަންހެން ބޭފުޅުން ވަޑައިގެން އިންތިހާބީ ދައުރެއް އަދާކުރާ ކަމީ އެއީ މި ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. އަޅުގަނޑު ދެކޭ ގޮތުގައި މި ކައުންސިލްތަކުން އަޅުގަނޑުމެންނަށް ފާހަގަވާ އަންހެން ބޭފުޅުން ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މާ ބާރަށް ވިދައިގެންދާނެ. އެއީ އަރާތަރި، އެއީ އަޅުގަނޑުމެންގެ ރަށްވެހި ފަތިހުގެ އެންމެ އުޖާލާ މޭވާ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަދު އެޅިފައިމިވާ ލާމަރުކަޒީގެ ބިންގާ ހަގީގަތުގައި ވެގެންދާނީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ލޭނާރަށް ކަމަށާއި ވެރިކަން ހިންގުން ލާމަރުކަޒު ކުރުން އެއީ ކޮންމެހެން ތަރައްގީއަށްޓަކައި ބޭނުންވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މި ރާއްޖޭގެ ޖަޒީރާ ރަށްތައް ހިންގުމަށް ވަކީން ބޮޑަށް ލާމަރުކަޒީ ނިޒާމު ބޭނުންވާ ކަމަށެވެ.

ކޮވިޑުގެ މި ނުރައްކާތެރި ހާލަތުގައިވެސް އެންމެ ބޮޑަށް ސާފުވި އެއް ހަގީގަތަކީ މިފަދަ ބަލިމަޑުކަމާއި ރޯގާއިން އަރައިގަތުމަށްވެސް ލާމަރުކަޒީ ނިޒާމުގެ ބޭނުންތެރިކަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ފުރިހަމަ މަސައްކަތް ކައުންސިލްތަކަށް ހިންގޭނެ ކަމަށް ހިތުގައި އެއްވެސް ޝައްކެއްނެތް ކަމަށެވެ. އަދި ވިދާޅުވީ ރަށްރަށުގައިވެސް ހުރީ ރިސޯޓުތަކުގައި ހުރި ގުދުރަތީ ވަސީލަތްތައް ކަމަށާއި އެހެންކަމުން ރަށްރަށުގެ ރައްޔިތުންނަށް އަމިއްލައަށް ތަނަވަސްކަން ހޯދޭނެކަމީ އެއްވެސް މީހަކަށް އޮޅޭނެ ކަމެއް ނޫން ކަމަށެވެ.