މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ރައްްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ފޮނުވައިފިއެވެ.

މިފަހަރު ބްރޯޑްކޮމް އަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ފާތުމަތު ސައުޝަން މ. ވެންކޫވާ އާއި ޝިފްލާ އިބްރާހީމް ގ. މަސްއޮޑިގެ އާއި ޑރ. މުހައްމަދު އިބްރާހީމް ޖަވާހިރު އައްސޭރި އދ. މާމިގިލި އެވެ.

އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މަޖިލީހުގެ ރައީސަށް އިއްވުމުން އެ ބޭފުޅުންގެ ނަންތައް އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ތިން ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ އެ ކޮމިޝަންގެ މެންބަރު އައިމިނަތު ސަރާހަތުގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.