މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ސިފައިންގެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އޮފް ޑިއުޓީގައި މިއަދު ހަވީރު އިތުރު ތިން މީހުންނާއެކު، ލ. ކައްދޫ އިރުމަތީ ފަރާތު މޫދަށް ދިޔަ ލާންސް ކޯޕްރަލް ހުސެއިން ފާރިޝް ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 5:40 ގަ އެވެ. އަދި ކޯސްޓުގާޑުން އޭނާ ހޯދަމުން ދަނިކޮށް ކަނޑުގެ 12 މީޓަރު އަޑިން ހަށިގަނޑު ފެނިފައިވަނީ މިރޭ 8:50 ހާއިރު އެވެ.
އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ކުއްލި ގޮތަކަށް މަރުވާ ހުރިހާ މީހުން ވެސް ކޮވިޑަށް ޓެސްޓު ކުރާނެ އެވެ.
އޭނާގެ ހަށިގަނޑު ލ. ކައްދުއަށް ގެންގޮސްފައިވާ އިރު، ވަޅުލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނީ މޫދަށް ފޭބި ހަތަރު މީހުންގެ ތެރެއިން އެކަކު ގެނބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަަމަށެވެ. އޭނާ ގެނބުނީ ގެއްލުނު މީހާ އޮއެގަނޑެއްގައި ޖެހި އަޑިއަށް ދާތީވެ، ސަލާމަތްކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ. އަދި އެމީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު