"ސޭފް ސްކޫލްސް ޑެކްލަރޭޝަން" ގައި ރާއްޖޭން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެެވެ.

ރާއްޖެއިން "ސޭފް ސްކޫލްސް ޑެކްލަރޭޝަން"ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައި އެ މައްސަލަ މަޖިލީހަށް ފޮނުއްވީ ހުސްވި ޖެނުއަރީމަހުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ގޮތަށް ނިންމެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުށަހަޅާފައިވާ ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ދެއްވި ލަފާފުޅުގެ މަތިންނެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވަސިޓީތައް ރައްކާތެރިކުރުމަށް ސިޔާސީގޮތުން ލާޒިމުކުރާ ބައިނަލްއަގުވާމީ ޑެކްލަރޭޝަންއެކެވެ. މި ޑެކްލަރޭޝަން އެކުލަވައިލާފައި ވަނީ އަސްކަރީ ހަމަނުޖެހުންތަކުން ރައްކާތެރިވެ ތިބެ އުނގެނުމަށް ކޮންމެ ދަރިވަރަކަށް ލިބިގެންވާ ހައްގު ކަށަވަރުކޮށްދިނުމަށާއި ރައްކާތެރި މާހައުލެއްގައި ގަދަރުވެރިކަމާއެކު އުނގަންނައިދިނުމަށް ކޮންމެ މުދައްރިސަކަށް ލިބިގެންވާ ހައްގު ކަށަވަރުކޮށްދިނުމަށެވެ.

މި ޑެކްލަރޭޝަންގައި އަސްކަރީ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް ކުރާ ތަފާތު ނޭދެވޭ އަސަރުތައް ފާހަގަކޮށް، މެދުކެނޑުމެއް ނެތް ގޮތެއްގައި ތައުލީމީ ހިދުމަތްތައް ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި މި ޑެކްލަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހަނގުރާމައިގެ ހާލަތްތަކުގައި ވެސް މަދަރުސާތަކާއި ޔުނިވަސިޓީތަކަކީ ތައުލީމު ލިބިގަތުމަށާއި އިލްމީ ދިރާސާކުރުމަށް ރައްކާތެރި ތަންތަން ކަމުގައި ކަށަވަރުކޮށްދިނުން ވެސް ހިމެނެއެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ގައުމުތަކުން ބައިވެރިވުމަށް ހުޅުވައިލާފައި ވަނީ 2015 މެއި 29 ވަނަ ދުވަހު ބޭއްވި "ދަ އޯސްލޯ ކޮންފަރެންސް އޮން ސޭފް ސްކޫލް" ގައެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ބައިވެރިވުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެންނެވެ.