އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް ލީޑަރު ކަމަށް ތުހުމަތު ކުރެވޭ، އަބްދުﷲ އިބްރާހީމް (އަބުޗާ) 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލް ބޯޑުން އޭނާ ބަންދުން ދޫކޮށްލުމުގައި ކަން ހިިނގައިދިޔައޮތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލަން ފާސްކޮށްފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ، ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ ޑްރަގު އެެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލި، އަބުޗާ މި މަހުގެ އެއްވަނަ ދުވަހު، ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލައިގައި އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން، އޭނާ ދޫކޮށްލި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދެއްވުމަށް އެދިވަޑައިގެން އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި (އަބުޗާ) ދޫކޮށްލުމުުގައި ކަން ހިނގާފައިވާ ގޮތް ހޯދުމަށާއި، އޭނާ ދޫކޮށްލަން ނިންމި ޕެރޯލް ބޯޑު ކޮމިޓީއަށް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ހުށަހެޅުއްވިއެވެ.

ނަމަވެސް އެ މައްސަލައިގައި ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށްފައިވާތީ، ފަރެސް މާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވީ އެކަން ހިނގައިދިޔަ ގޮތް ލިޔުމުން ކޮމިޓީއަށް ފޮނުވުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށެވެ.

އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާގެ ހަސަން ވަހީދެވެ.

އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ދެން ތިއްބެވި މެންބަރުން ވިދާޅުވީ، އެ މައްސަލައިގައި ކަންވެފައި އޮތް ގޮތް ބަލައި، ބޯޑުން ވަކިކޮށްފައި ތިބި ނަމަވެސް އިހުމާލެއް އޮތްނަމަ އޭރު ޕެރޯލް ބޯޑުގައި މެންބަރުންގެ ގޮތުގައި ތިބި މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.