އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް ލީޑަރު ކަމަށް ތުހުމަތު ކުރެވޭ، އަބްދުﷲ އިބްރާހީމް (އަބުޗާ) 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލް ބޯޑުން އޭނާ ބަންދުން ދޫކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ ޑްރަގު އެެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލި، އަބުޗާ މި މަހުގެ އެއްވަނަ ދުވަހު، ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދެއްވުމަށް އެދިވަޑައިގެން އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މަޖިލީހަަށް ހުށަޅުއްވައިފައެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ކޮމިޓީގެވެސް މެންބަރު ޝާހިދު ވިދާޅުވީ، އޭނާ ދޫކޮށްލި މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތުން މިހާރު ވަކި ގޮތަކަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަން ހިނގައިދިޔަގޮތް، ޖުޑިޝަރީ ކޮމިޓީން ބަލަން ޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.
ޝާޑު ވިދާޅުވީ، އަބުޗާ ދޫކޮށްލުމުގައި ޕެރޯލް ބޯޑުގެ އިހުމާލު އޮތް ކަމަށް ބައެއް ފަރާތްތަކުން ވާހަ ދައްކާ ކަމަށެވެ.
ނަމަވެސް ޕެރޯލް ބޯޑުގެ މެންބަރުން މިހާރު އިސްތިއުފާދީފައިވާކަން ފާހަގަ ކުރައްވައި މެންބަރު ވިދާޅުވީ، އެ ބޭފުޅުން ވަކި ކުރުން ނުވަތަ އިސްތިއުފާ ދެއްވުމަކީ ހައްލެއްނޫން ކަމަށެވެ
"ޕެރޯލް ގާނޫނެއް އޮންނައިރު އެކަން ހިނގައިދިޔައީ ކޮންބައެއްގެ އިހުމާލުންތޯ ބަލަން ޖެހޭ، ވަޒީފާއިން ވަކިކުރުމަކީ ހައްލެއް ނޫން، އެއީ ކޮންބައެއްގެ ކުށަކުން ވީ ކަމެއްތޯ ކޮމިޓީން ބަލަން ޖެހޭ،" ޝާޑު ވިދާޅުވިއެވެ.
އެހެންކަމުން މެންބަރު ވިދާޅުވީ، އަބުޗާ ދޫކޮށްލި މައްސަލަ ހިނގައި ދިޔަގޮތް ބަލައި އެ މައްސަލަ ހުށަހަޅާފައިވާ މެންބަރަށާއި، ރައްޔިތުންނަށް އެކަން އޮޅުންފިލުވައިދިނުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށެވެ.
މިމަހުގެ އެއްވަނަ ދުވަހު އަބުޗާ ދޫކޮށްލުމާ ގުޅީގެން އެކި ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، މިމަހުގެ ހަވަނަ ދުވަހުގެ ވަގުތެއްގައި އޭނާ ވަނީ އަނބުރާ ޖަލަށް ބަދަލުކޮށްފައެވެ. މި މައްސަލައިގައި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ވަކިކުރެއްވި ކަން ހަމަ އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން އިއުލާނު ކުރެއްވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް