ޖިނާއީ ބޮޑެތި ކުށްތަކުގެ ދައުވާ އުފުލާފައިވާ މީހެއްގެ ޕާސްޕޯޓު ހިފަހައްޓާ ހާލަތުގައި، ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދޭން ޖެހިއްޖެ ހާލަތެއްގައި ޕާސްޕޯޓުގެ ބަދަލުގައި ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް (ޓެމްޕަރަރީ ޓްރެވަލް ޑޮކިއުމަންޓެއް) ގައި މެނުވީ ދަތުރުކުރުމަށް ހުއްދަ ނުދެވޭނޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އެގޮތަށް ކަމާބެހޭ އުސޫލު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ، ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރައިގެންދިޔަ މައްސަލަ ބެލުމަށްފަހު، ޖުޑިޝަރީ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.
އެ މައްސަލަ ތަހުގީގުކޮށް މަޖިލިސް ތަޅުމަށް ކޮމިޓީން ފޮނުވި ރިޕޯޓުގައި ހިމަނައިގެން، ސަރުކާރުގެ މައްޗަށް ގިނަ ހުށަހެޅުންތަކެއް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެގޮތުން ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް އުފުލިފައިވާ މީހެއް ނުވަތަ އެފަދަ ކުށެއްގެ ތަހުގީގު ހިނގަމުން އަންނަ މީހެއްނަމަ އެ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓިފައިވުމަށްފަހު ރާއްޖޭން ބޭރަށް ފުރުމަށް ހުއްދަ ދެވޭ ހިނދު އެ ހުއްދަ ދެވޭ ސަބަބުގެ އިތުރަށް މައްސަލަައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް އެންމެ ފުޅާމިނެއްގައި ރިއާޔަތް ކުރަން ޖެހޭނެ ކަމަށާއި އެގޮތަށް ރިއާޔަތް ކުރާއިރު، އެމީހާއަކީ ރާއްޖެ ނޫން ގައުމެއްގައި ފިލައިގެން އުޅެވިދާނެކަމުގެ މާލީ ތަނަވަސްކަން ހުރި މީހެއްތޯ ބަލަންވާނެ ކަމަށް ކޮމިޓީން ބުނެފައިވެ އެވެ.
އަދި އެ މީހެއްގެ ހުރި އެ ވަސީލަތްތަކުގެ ބޭނުން ނުހިފާނެކަމުގެ ޔަގީންކަން ކޯޓުން ހޯދަންވާނެ ކަމަށާއި ކުށުގެ ތުހުމަތުވާ މީހާ ފުރައިގެން ދާނެ ތާރީހަކާއި އަންނާނެ ތާރީހެއް ކަނޑައަޅަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް އުފުލިފައިވާ ފަރާތެއް ނަމަ، ނުވަތަ އެފަދަ ކުށެއްގެ ތަހުގީގެއް ހިނގަމުން އަންނަ މީހެއް ނަމަ، އެމީހެއްގެ ޕާސްޕޯޓު ހިފަހައްޓާ ހާލަތުގައި، ރާއްޖޭން ބޭރަށް ފުރުމަށް ހުއްދަ ދެވޭ ހިނދު، ފިލައިގެން ދިރިއުޅެވިދާނޭ މާލީ ތަނަވަސްކަމާއި ވަސީލަތްތަކާއި ފެންވަރު އެ މީހަކަށް ލިބިފައިހުރި މިންވަރަށް ރިއާޔަތްކޮށް، އެމީހަކު ފިލުމަށް އެ ވަސީލަތްތަކުގެ ބޭނުން ނުހިފާނޭ ކަމުގެ ޔަގީންކަން ކޯޓުން ހޯދުމާއި އެމީހަކު ބޭރަށް ފުރުމަށް ކޯޓުން ހުއްދަ ދެވޭއިރު، ދައުވާ ލިބޭ ފަރާތް ފުރުމަށް ހަމަޖެހިފައިވާ ތާރީހަކާއި އެނބުރި އައުމަށް ހަމަޖެހިފައިވާ ތާރީހާއި ފުރުމަށް ހަމަޖެހިފައިވާ ގައުމެއް އެފަރާތުން ކޯޓަށް ސާފުކޮށްދިނުމާއި އަދި ޝަރީއަތަށް ހާޒިރު ވާނޭކަން ޔަގީންކޮށް ދޭ އިގުރާރެއް ހޯދުމަށް ވެސް ހިމަނާފައިވެ އެވެ.
ރާއްޖޭން އެދުމުން، އެ ގައުމެއްގައި ހުރި ދައުވާ ލިބޭ މީހަކު އެ ގައުމަކުން ރާއްޖެއަށް ފޮނުވާލުމުގެ ފުރުސަތު ބޮޑު ގައުމަކަށް މެނުވީ، ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް އުފުލާފައިވާ ފަރާތަކަށް ފުރައިގެން ދިއުމުގެ ހުއްދަ ނުދިނުމާއި ޑިޕްލޮމެޓިކް މިޝަނެއް ހުރި ގައުމެއް ނަމަ، އެމީހަކު ވީތަނެއް އެނގޭނޭ ގޮތަށް ގުޅުން ބޭއްވުމުގެ ގޮތުން، ކަނޑައެޅޭ ވަކި މުއްދަތު ތަކެއްގައި ޑިޕްލޮމެޓިކް މިޝަނަށް، އެމީހަކު ނުވަތަ އެމީހަކާ ހަވާލުވެ ގޮސް ހުރި މީހަކު، ގަވާއިދުން ރިޕޯޓު ކުރަމުން ގެންދިއުމަށް ޝަރުތު ކުރުމަށް ވެސް ވަނީ ހިމަނައިފަ އެވެ.
އިމަޖަންސީ ބަލި ހާލަތަކާ ގުޅިގެން، ކުއްލިއަކަށް ރާއްޖޭން ބޭރަށް ފުރުވަން ޖެހިއްޖެ މީހަކަށް، އެ ހާލަތު ވަޒަންކޮށް، ރާއްޖޭން ބޭރަށް ފުރުމަށް ހުއްދަ ދެވޭއިރު މި ހުށަހެޅުންތަކުގައިވާ އެންމެހައި ކަންކަމަށް ކޯޓުން އަމަލު ކުރެވެން ނެތް ހާލަތްތަކުގައި އެގޮތަށް އަމަލު ނުކުރެވުނު ނަމަވެސް، އަމަލު ކުރެވެން ހުރި އެންމެހާ ކަންކަމަށް އަމަލު ކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ، ޖިންސީ ކުށުގެ ސީރިއަސް ތުހުމަތު ތަކެއްކޮށް، ދައުވާ އުފުލައި ޕާސްޕޯޓު ހިފަހައްޓަފައި ވަނިކޮށް، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި އަޑުއެހުން ބާއްވައި، 9 ފެބްރުއަރީ 2021 ގައި އަމުރު ނެރެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައިވަނީ 9 ފެބުރިއަރީ ގައި ކަން ކޮމިޓީއަށް ފާހަގަވާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް