ކޮވިޑު 19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް، އަންނަ ރޯދަމަހު ބޮޑެތި ލުއިތަކެއް ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުން އަޅާފައިވާ ފިޔަޅުތައް އަހަރު ދުވަހަށް ދިގު ދެމިގެން ދިއުމުގެ ސަބަބުން ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ވަޒީފާ ގެއްލި މަސްވެރިކަމުންނާއި، ދަނޑުވެރިކަމުން އާމްދަނީ ހޯދަމުން އައި އާއިލާތައް ބިކަވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ އިގްތިސޯދުގައި ހިމެނޭ ސިނާއަތްތައް ކުރިއަށް ގެންދަން އެކި ފަރާތްތަކުން ބެންކުތަކުން ނަގާފައިވާ ލޯނުތައް ނުދެއްކި އެ ފަރާތްތައް ބޭންކަށް ދަރައި ދިރިއުޅުމުގެ އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ރައްޔިތުން ބޮޑުތަނުން ދަރަނިވެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ބަރަކާތްތެރި ރޯދަމަސް ފެށެން ދުވަސްކޮޅަކަށް ވެފައިވާއިރު، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ރިއާޔަތްކޮށް ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ކުޑަކޮށް ރައްޔިތުންގެ ހިތްތަކަށް އުފާ ގެނެސްދިނުމަށް، ކޮވިޑް 19 އާ ގުޅިގެން އަމަލު ކުރަމުންގެންދާ ގައިޑްލައިނަށް ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރަށް ބާރު އަޅާން ފާސްކުރުމަށް ވެސް އެ ކުއްލި މައްސަލައިގައިވެއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 33 މެންބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އޭގެ ތެރެއިން އެކަކީ، މައްސަލަ ހުށަހަޅުއްވި ޖާބިރެވެ.
އެ މައްސަލަ ބަލައި ގަންނަން 12 ވޯޓު ބޭނުންވާއިރު އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 23 މެންބަރުން ވޯޓު ދެއްވިއެވެ.
މައްސަލ ބޭރުކޮށްލުމާ ގުޅިގެން މަޖިލިސް ތަޅުމުގައި ޖާބިރު ވަނީ އަޑުގަދަ ކުރައްވައިފައެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު