ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު އޮޅުވާލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނަށް މިފަހަރު ނުދޭނެ ކަމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް އިދިކޮޅުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޣައްސާން މައުމޫން ވަނީ، ސަރުކާރަށާއި އިލެކްޝަން ކޮމިޝަނަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ.
އެގޮތުން އިދިކޮޅުން މި އިންތިހާބަށް ނިކުންނައިރު ސަރުކާރާއި އިލެކްޝަން ކޮމިޝަނުން އެ ފަރާތްތަކަށް "ދުއްތުރާލާއި" ފިއްތުންތައް ކުރިމަތި ކުރާ ކަމަށް ވަނީ ތުހުމަތު ކުރައްވާފަ އެވެ.
"އިލެކްޝަން ކޮމިޝަނަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިފަހަރަކުއެއް ވޯޓު އޮޅުވާލާނެ ފުރުސަތެއް ނުދާނަން. ވަރަށް ސަމާލުވެގެން އެކަމަށް މަސައްކަތް ކުރަމުން އަޅުގަނޑުމެން މި ގެންދަނީ. އެއީ ދިވެހި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތަކަށްވާތީ،" ޣައްސާން ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަން ވުޖޫދުވާ ގޮތް ދިވެހިންނަށް މިހާރު އެނގޭނެކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ، ވެރިކަމުގައި ތިބި ފަރާތްތައް ހިތް ނުރުހޭ މީހަކު މިވަގުތު އިލެކްޝަން ކޮމިޝަނުގައި ނުތިއްބަވާނެ ކަމަށެވެ. އަދި އެ މީހުން ޖެހިހާ ބެރަކަށް ނައްޓަވަން ޖެހޭނެ ކަން ވެސް ޣައްސާން ފާހަގަކުރެއްވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބު ވެސް އޮޅުވާލި ކަމަށް އިދިކޮޅުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ދެން އެ ފުރުސަތު ނުދެއްވާނެ ކަން ޣައްސާން ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް ކެމްޕެއިން ކުރުމަށް ރަށް ރަށަށް ދަތުރު ކުރުމާއި އެހެނިހެން ފަހި ފުރުސަތުތަކެއް ތަނަވަސް ވެފައިވާ ކަމަށް ޣައްސާން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
"އިލެކްޝަން ކޮމިޝަނުން ޕާޓީތަކަށް ހަމަހަމަ ފުރުސަތުތަކެއް ދެއްވާކަށް މަސައްކަތެއް ނުކުރައްވާ. އަޅުގަނޑުމެން އިވެންޓެއް ބާއްވައިފިއްޔާ އެޗްޕީއޭގެ ކޮންމެވެސް ގަވާއިދަކަށް ހިލާފުވިކަމަށް ހައްދަވައި ފިޔަވަޅު އަޅުއްވާލެއް އަވަސް،" ޣައްސާން ވިދާޅުވި އެވެ.
ޕީޕީއެމް އަކީ ތަރައްގީގެ ފިކުރުގެ ޕާޓީއެއްކަން ފާހަގަކޮށް ޣައްސާން ވިދާޅުވީ ކޮންމެ ބަޔަކު ކުރި ނަމަވެސް އެ ޕާޓީން ތަރައްގީއަށް ހުރަސް ނާޅާނެ ކަމަށާއި، އެކަން އެ ޕާޓީގެ މާޒީންވެސް އެނގެން އޮންނާނެ ކަމަށެވެ. އެއާ ހިލާފަށް ތަރައްގީއަށް ހުރަސް އަޅާ ފަރާތްތަކަކީ މާޒީގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލި ފަރާތްތައްކަން ޣައްސާން ފާހަގަކުރެއްވި އެވެ.
"ޕީޕީއެމް އަކީ ގައުމީ ފިކުރުގެ މީހުން. ޕީޕީއެމަކުން ތަރައްގީއަކަށް ހުރަހެއް ނާޅާނެ. ޕީޕީއެމަކުން އިސްލާމް ދީނަކަށް ފުރައްސާރައެއް ނުކުރާނެ. ޕީޕީއެމަކުން ގައުމަށް ދެރަގޮތެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާނެ،" ޣައްސާން ވިދާޅި އެވެ.
ޣައްސާން މައުމޫން
ޣައްސާން މައުމޫން
ޣައްސާން މައުމޫން
ޣައްސާން މައުމޫން