ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 6 މެއި 2021 ގައި ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބަލައި، އެކުލަވައިލި ރިޕޯޓް ހޯދަން އާންމުންގެ މީހަކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި، އެ ރިޕޯޓު އޭނާއަށް އާއްމު ނުކުރުމަށް ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީން އެ ގޮތަށް ނިންމީ، މިއަދު ބޭއްވި ސިއްރު ބައްދަލުވުމެއްގައި އެ މައްސަލައަށް ކޮމިޓީގައި ބަހުސް ކުރުމަށްފަހުގައެވެ.
މި މައްސަލައާ ބެހޭގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރު ކުރެއްވުމަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ސިއްރު ކޮށްގެން ބޭއްވި ކޮމިޓީއަކުން ސިއްރު ކުރަން ފާސްކޮށްފައިވާ ބައިތަކެއް އެ ރިޕޯޓުގައި ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ބައިތަކާބެހޭގޮތުން ހުޅުވާލައިގެން ބަހުސް ކުރިއަށް ގެންދަވަން އުނދަގޫ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަމާބެހޭ މަސައްކަތްތައް ނިމެންދެން ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް ކޮމިޓީގެ ޕީޕީއެމްގެ މެންބަރު ގުރައިދޫ ދާއިރާގެ މުހައްމަދު ގައްސާން މައުމޫނު ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ ދަ ޑިމޮކްރެޓްސްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ.
އެ ހުށަޅުން ފާސްވުމުން އެ ހުށަހެޅުމުގައިވާގޮތަށް ކޮމިޓީ ބައްދަލުވުމުން ސިއްރުކުރަން ކޮމިޓީގެ މުގައްރިރު ނިންމެވިއެވެ.
ކޮމިޓީ ބައްދަލުވުމަށްފަހު ކޮމިޓީ މެންބަރަކު ވިދާޅުވީ، އެ ރިޕޯޓުގައި ސިއްރު ކުރަންޖެހޭ ބައިތަކެއް ހިމެނޭ ކަމަށާއި އެއީ ކޮމިޓީން ފާސްކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެ ބައިތައް ރިޕޯޓްގައި ހިމެނޭތީ އެ ރިޕޯޓު ކޮމިޓީން އާއްމު ނުކުރަން ނިންމީ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"ރިޕޯޓުގައި އާއްމު ކުރެވެން ހުރި ކަންތައް މީގެ ކުރިން ވާނީ އާއްމު ކޮށްފައި. ނަމަވެސް އެ ރިޕޯޓުގައި ސިއްރު ކުރަންޖެހޭ ކަމަށް ހިމަނާފައިވާ ކަންތައްތަކަކީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި މަޝްވަރާކޮށް ސިއްރު ކުރަން ފާސްކޮށްފައިވާ ކަންތައްތައް އެހެންކަމުން އެ ކަންތައްތައް ސިއްރެއް ނުކުރެވޭނެ،" މެންބަރު ވިދާޅުވިއެވެ.
ހައެއް މެއިގެ ހަމަލާ 241 ކޮމިޓީން ތަހުގީގު ކުރުމަށްފަހު އެކުލަވައިލި ރިޕޯޓިގެ ބައެއް ބައިތައް މީގެ ކުރިން އެ ކޮމިޓީން ވަނީ އާއްމު ކޮށްފައެވެ. އެ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.
މަހެއްހާ ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައިވަނީ 271 ސޮފުހާއެވެ. އެ ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކުރައްވާފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިނުމަށް ވެފައިވާ ތައްޔާރީތަކާއި ހަމަލާގެ ކުރިން ވެފައިވާ ކަންކަމާއި ހަމަލާދިން ދުވަހު ހިނގައި ދިޔަ ހުރިހާ ކަމެއްގެ އިތުރުން ހަމަލާގެ ފަހުންވެސް ހިނގައި ދިޔަ ހުރިހާ ކަމެއް ވަރަށް ތަފުސީލުކޮށް ރިޕޯޓުގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު