މިދިޔަ 24 ގަޑިއިރު ތެރޭ 147 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 23،671 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 65 މީހަކާއި އަތޮޅުތެރެއިން 69 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 10 މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށަކުން މީހަކާއި ސިނާއީ މަސައްކަތްކުރާ ރަށްތަކުން ދެ މީހުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 116 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 20،839 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2،759 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 93 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 66 މީހަކު ވަނީ މަރުވެފައެވެ. އެއީ 59 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.