ޅ. ނައިފަރުން މިއަދު އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 31 އަށް އަރައިފިއެވެ.
މިމަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ އުނގޫފާރަށް ދިޔަ މީހުންގެ ތެރެއިން ނެގި ރެންޑަމް ސާމްޕަލްއަކުން މިދިޔަ އަންގާރަ ދުވަހުއެވެ. އެ ކޭސްއާ ގުޅިގެން އެރަށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ވަން" އަށް ވިދާޅުވީ އެރަށުން މިއަދުވެސް 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެއާއެކު އެރަށުން މިހާތަނަށް 31 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޖައުފަރު ވިދާޅުވީ އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް ދެ މީހަކު ހިމެނޭ ކަމަށާއި އޭގެ ތެރެއިން އެކަކު މިހާރު ހުރީ ނައިފަރުގައި ކަމަށެވެ. އަދި އަނެއް މީހާއަށް މިވަގުތު ފަރުވާދެމުން އަންނަނީ ބ. އަތޮޅު އޭދަފުށީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ނެގި ބައެއް ސާމްޕަލްތަކުގެ ނަތީޖާތައް އަދިވެސް ލިބިފައިނުވާ ކަމަށެވެ. އަދި އެރަށުގެ ތެރެއިން ރެންޑަމް ސާމްޕަލްގެ ގޮތުގައި 1022 ސާމްޕަލެއް ވެސް ނަގާފައިވާ ކަމަށެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށާއި ނަތީޖާތައް ވަރަށް އަވަހަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހަ ރަށަކަށް ދަތުރުކޮށްފައިވާ ދޯންޏަކުން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ދޯނި ދަތުރުކޮށްފައިވާ ރަށްތަކަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެ ދޯނި މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށާއި އޭގެ ފަޅުވެރިންވެސް ވަނީ އެ ދޯނީގައި ކަރަންޓީންކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު