ހަ ރަށަކަށް ދަތުރުކޮށްފައިވާ ޅ. ނައިފަރު ދޯންޏަކުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ވަން" އަށް ވިދާޅުވީ ނައިފަރު ދޯންޏަކުން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން އެ ދޯނި މިހާރު ކަރަންޓީނުކޮށްފައިވާ ކަަމަށެވެ. ކަރަންޓީނުކޮށްފައި ވަނީ "ލޭނާރު" ކިޔާ ދޯންޏެއް ކަމަށެވެ.

ޖައުފަރު ވިދާޅުވީ އެ ދޯނިން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ދޯނި އޮތީ އެރަށު ފަޅު ތެރޭގައި ކަމަށެވެ. އަދި އެ ދޯނީގެ ފަޅުވެރިންވެސް ދޯނީގައި ކަރަންޓީން ކޮށްފައިވާ ކަަމަށް ވިދާޅުވިއެވެ.

ޖައުފަރު ވިދާޅުވީ އެ ދޯނި ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހަ ރަށަކަށް ދަތުރުކޮށްފައިވާ ކަމަށެވެ. އެ ރަށްތަކަކީ ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. އުލިގަމު، ހދ. ނޭކުރެންދޫ، ނ. ވެލިދޫ، އަދި ޅ. ފެލިވަރު ކަމަށްވެސް ވިދާޅުވިއެވެ.

އެ ދޯނި ދަތުރުކުރި ހުރިހާ ރަށަކަށް މިހާރު އެކަން އަންގާފައިވާނެ ކަމަށާއި އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ އުނގޫފާރަށް ދިޔަ މީހުންގެ ތެރެއިން ނެގި ރެންޑަމް ސާމްޕަލްއަކުން މިދިޔަ އަންގާރަ ދުވަހުއެވެ. އެ ކޭސްއާ ގުޅިގެން އެރަށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ނައިފަރުން މިއަދުވެސް ވަނީ 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 31 އަށް އަރައިފައެވެ.