ދުނިޔެ ދުށް އެންމެ މޮޅު އެއް ގޯލްކީޕަރު، ރެއާލް މެޑްރިޑް އަދި ސްޕެއިންގެ ލެޖެންޑް އީކާ ކަސިލަސްއާއެކު ދިވެހި ފުޓުބޯޅައިގެ ކުރިމަގަށް މަޝްވަރާތަކެއް ކޮށްފިއެވެ.

ރާއްޖޭގައި ފުޓުބޯޅަ ސިސްޓަމެއް ގާއިމްކޮށް، ހުނަވެރި ކުޅުންތެރިންނަށް ކުރިއަށް ދާނެ މަގު ތަނަވަސްކުރުމުގެ ގޮތުން ފުޓުބޯޅައަށް ކުރިއެރުންތަކެއް ގަނައުމަށް އެފްއޭއެމްއާއި ޔޫތު މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ފުޓުބޯޅަ ސްކޫލެއް ހުޅުވުމެވެ.

އެ މަސައްކަތުގެ ދަށުން އިންފްރާސްޓްރަކްޗާ ގާއިމްކޮށް މިހާރު ނިންމާލާފައިވާއިރު، އެ ސްކޫލް ހިންގުމަށް ހަވާލުކުރާނެ ކަމަށް ބެލެވިފައި އޮތީ ރެއާލްގެ ލެޖެންޑް މިޗެލް ސެލްގާޑޯއާއެވެ. ސެލްގާޑޯއާއެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަސިލަސްއާ ބައްދަލު ކޮށްފައިވާއިރު، އެ ކަމާއި ގުޅިގެން ޔޫތު މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މަހުލޫފް ވިދާޅުވެފައި ވަނީ ކަސިލަސް އަދި ސެލްގާޑޯއާއެކު ރާއްޖޭގެ ފުޓުބޯޅައާ ގުޅިގެން މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

ކަސިލަސްއަކީ ސްޕެއިންއާއެކު ވޯލްޑް ކަޕްގެ އިތުރުން ދެ ފަހަރަށް ޔޫރޯވެސް އުފުލާލާފައިވާ އެންމެ ކާމިޔާބު އެއް ގޯލްކީޕަރެވެ. އޭނާވަނީ ގިނަ މެޗުތަކެއްގައި ސްޕެއިން އާއި ރެއާލް މެޑްރިޑްގެ ކެޕްޓަންކަންވެސް ކޮށް، ރެއާލްއާއެކު ޔޫރަޕްގެ ޗެމްޕިއަންކަމާއި ސްޕެއިންގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ކަސިލަސް ފުޓުބޯޅައިން ރިޓަޔާ ކޮށްފައި ވަނީ ޕޯޓޯއަށް ކުޅެމުން ދަނިކޮށް ކުރިމަތިވި އަނިޔާއެއްގެ ސަބަބުންނެވެ. ކޮވިޑް 19 އައުމުގެ ކުރިން ސްޕެއިންގެ އެފްއޭގެ ރައީސް ކަމަށް ވާދަކުރާކަން ކަސިލަސް އިއުލާން ކުރި ނަމަވެސް، އެ އިންތިހާބު ކޮވިޑާއި ގުޅިގެން ވަނީ ފަސްކޮށްފައެވެ.