ފުލެޓް މައްސަލައިގައި ރައްޔިތުން ކަންބޮޑުވާނެ ކަމެއް ނެތް ކަމަށާއި ސަރުކާރުން އެކަމަށް ރަނގަޅު ހައްލު ހޯދައިދޭނެ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް ރައީސް ވިދާޅުވީ, ހިޔާ މަޝްރޫއިން ފުލެޓް ނުލިބޭ މީހުންނަށް ފުލެޓް ލިބޭނެކަން ރިޕޯޓުން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ.

އެގޮތުން ކޮވިޑާ ގުޅިގެން ލަސްތަކެއް ހުރި ނަމަވެސް 15,000 ހައުސިން ޔުނިޓުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ރައްޔިތުން އެހާބޮޑަށް ކަންބޮޑުވެ ނުލައްވާށޭ. ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯތި ލިބޭނެ ކަމަށް ލިޔުން ލިބިފައިވާ ފަރާތްތަކަށް އެކަން ވެސް ވާނެކަމަށް ރިޕޯޓުގައި އެބަވޭ. ގުޅީފަޅުން އެކި ފަރާތްތަކަށް ލިބިދީފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ވެސް ރިޕޯޓުގައި ފާހަގަކޮށްފައި އެބަވޭ. އަދި ސަރުކާރުން ވަކި އަގެއްގައި ގެދޮރުވެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ބުނެފައި އޮތުމަށްފަހުގައި އޭގެ އަގު ބަދަލުކުރުމުން ދިމާވި މައްސަލަތަކަށް ވެސް ހައްލު ހޯދައިދޭނެ ކަމަށް ރިޕޯޓުގައި އެބަ ފާހަގަކުރެވޭ," މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް އެ ފާހަގަކުރެއްވި 15,000 ހައުސިން ޔުނިޓަކީ މި ސަރުކާރު ނިމުމުގެ ކުރިން މާލެ ސަރަަހައްދުގައި އިމާރާތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިމަހުގެ ތެރޭގައި އިއުލާންކުރެއްވި ހައުސިން ޔުނިޓުތަކެކެވެ.