ރެއާލް މެޑްރިޑުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަނބުރާ ޓީމަށް ގެންދަން ބޭނުން ނުވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
ސްޕެއިންގެ ކުޅިވަރު ހަބަރުތައް ފަތުރާ ޓީވީ ޗެނަލަކާ ހަވާލާދީ ގޯލްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރެއާލްއިން ރޮނާލްޑޯ ގެންދަން ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ރެއާލްގެ އަމާޒުހުރީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އާލިން ހާލަންޑްގެ އިތުރުން ކިލިއަން އެމްބާޕޭ އަށެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ މިވަގުތު ޔުވެންޓަސްއަށް ކުޅެމުން އަންނައިރު، އޭނާގެ ސީޒަން އެންމެ ކާމިޔާބެއް ނޫނެވެ.
ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ޓާގެޓާއެކު އެޓީމަށް ބަދަލުވި ރޮނާލްޑޯ، ލީގުގައި ގިނަ ގޯލްތަކެއް ޖަހާފައިވީ ނަމަވެސް، ޔޫރަޕްގައި ޔުވެންޓަސްއަށް ރޮނާލްޑޯއާއެކުވެސް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ޔޫރަޕްގައި ދަށް ދެ ސީޒަނަކާއެކު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލާނެ ކަމަށް ބެލެވިފައި އޮތްއިރު، އޭނާ އެ ކްލަބަކާއެކު އެންމެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރެއާލްއިން ރޮނާލްޑޯ ގެންދަން ބޭނުންވާ ކަމަށް ކުރިން މީޑިއާގައި ވަނީ ވާހަކަ ދެކެވިފައެވެ.
ރެއާލްއާއެކު ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގުވެސް ރޮނާލްޑޯ ކާމިޔާބު ކޮށްފައިވާއިރު، އޭނާ ކުރިން ކުޅުނު މެންޗެސްޓާ ޔުނައިޓެޑް އަދި ޕީއެސްޖީންވެސް ރޮނާލްޑޯ ގެންދަން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.
ރެއާލްއިން ޒުވާން ކުޅުންތެރިންނާއެކު ޓީމު އޯވާހޯލަކަށް ދާން ވިސްނުން ބައްޓަން ކޮށްފައިވާއިރު، އެ ކްލަބުގެ މުސްތަގުބަލަށް އެންމެ މުހިއްމީ ދުނިޔޭގެ ސްޕަސްޓާރެއް ގެންދިޔުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެކަމަށް ފަހި ކުރުމަށް މިވަގުތު ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ދެ ތަރިން ކަމަށްވާ އެމްބާޕޭ އާއި ހާލަންޑަށް ރެއާލްއިން ލޯ އަޅަމުން އަންނައިރު، ރޮނާލްޑޯއަށް ރެއާލްއަށް އެނބުރި ނުދެވޭނެ އެއް ސަބަބަކީ އޭގެ ތެރެއިން ކުޅުންތެރިޔަކު ގެންދަން ރެއާލްއިން މާ ބޮޑަށް ބޭނުން ވުމެވެ. އެއީ ކްލަބުގެ މުސްތަގުބަލާއި، ކްލަބުގެ ކުރިމަގަށް ވިސްނުމަށްފަހު ރެއާލްއިން ނިންމާނެ ނިންމުމެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު