މިނިސްޓަރު އިމްރާން އަބްދުﷲ

އަތޮޅު ތެރޭގެ ގޭންގުތައް "ސައިޒް" ކުރަން ތައްޔާރު ވަނީ

މުއާވިޔަތު އަންވަރު

1

އަތޮޅުތަކުގެ ރަށް ތަކުގައި ހަރަކާތްތެރިވާ ގޭންގުތައް ހުއްޓުވުމަށް ތާއްޔާރުވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓީވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން މަރުކަޒުވުމަކީ އަމާޒެއް ކަމަށާއި އެކަން ހާސިލް ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކަން ކުރަން ޖެހުނު އެއް ސަބަބަކީ އަތޮޅު ތެރޭގެ ރަށް ތަކުގައި ކުށް ކުރުން އިތުރުވުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މީގެ ދިހަ ވަރަކަށް އަހަރު ކުރީގައި ކަމަށްވީ ނަމަވެސް އަތޮޅުތެރޭގައި ތަންކޮޅެއް ވައިލެންޓް ހަރަކާތްތައް ނޯންނާނެ. އަނެއްހެން މިހާރުގެ ބަހުރުވައިން ދަންނަވާ ނަމަ ގޭންގުތަކުގެ ހަރަކާތްތައް އަތޮޅު ތެރޭގައި ނުފެންނާނެ. އެކަމު މިހާރު އަޅުގަނޑުމެނަށް ފެންނާނެ އެކި ކަންކޮޅުތަކުން ވަރަށް ހަލުވި މިނެއްގައި މިކަންތައް ފެތުރިގެންދާ ތަން. އެހެންވީމަ އެއާ ޑީލް ކުރުމަށް އެބަތައްޔާރު ވާން ޖެހޭ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ކަންކަން ތަފާތު ޓްރެންޑެއްގައި އަތޮޅު ތެރޭގައި ހިންގަމުން އަންނައިރު ހަރުކަށި ފިކުރުގެ ހަރަކާތްތައް ހީވެސް ނުކުރާ ގޮތަކަށް ހިންގަމުން ދާއިރު އެކަންތައްތަކާއި ފުލުހުން ޑީލް ކުރަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކުޑަކުންދިންނަށް ޖިންސީ ގޯނާ ކުރުމާއި ކުރިން ނެތް ބޮޑެތި ކަންތައްތަކެއް ރާއްޖެއަށް އަންނަމުން މިދަނީ. މި ހުރިހާ ކަންތައްތަކަކަށް އެންމެ ފުރަތަމަ ކުރިމަތިލާން މި ތިބެނީ ދިވެހި ފުލުހުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެކުށްތައް ހުއްޓުވުމަށް ފުލުހުންނަށް އެންމެ އެކަށީގެންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދޭން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.