އައްޑޫ ސިޓީ ހިތަދޫގައި ގާއިމު ކުރާ ފުލުހުންގެ އެކަޑަމީ މި އަހަރު ފަހުކޮޅު ހުޅުވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ފުލުހުންގެ އެކަޑަމީ ނުވަތަ ޓްރެއިނިން ސްކޫލް ހަދަނީ ހިތަދޫ ސަރަހައްދީ ބަނދަރު ކުރިމަތީގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އޮފީސް ކައިރިން ފެށިގެން ބޮޑު ސަރަހަދެއްގަ އެވެ. އެ މަޝްރޫއު އިއުލާންކުރީ 2014 ވަނަ އަހަރުގެ އޭޕްރީލް ހަ ވަނަ ދުވަހު، އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ. އެތަނުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 2017 ގަ އެވެ.

ދައުލަތުގެ ޓީވީ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ގިނަ އަދަދެއްގެ ފުލުހުން އަދިވެސް ރެކްރޫޓް ކުރަން ޖެހޭ ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ވެސް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އައްޑޫގައި ހަދަމުން އަންނަ ފުލުހުންގެ އެކަޑަމީގެ މަސައްކަތް ނިމުމުން އެކަމަށް އެހީވެގެން ދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އައްޑު އަތޮޅުގައި ގާއިމު މި ކުރެވޭ ފުލުހުންނަށް ދެން ހާއްސަކޮށް ލޯ އެންފޯސްމަންޓާއި ގުޅުންހުރި ތަމްރީންތަކަށް އަޅުގަނޑުމެން ވިސްނަމުން ދާއިރު އަޅުގަނޑު ގަބޫލު ކުރަނީ މިއަހަރުގެ ފަހުކޮޅުގައި ރަނގަޅަށް ފަށައިގަނެވިގެން ދާނެ ކަމަށް. ދެން ސީދާ ޑޭޓެއް އަޅުގަނޑު މި ވަގުތު ދެންނެވުން ރަނގަޅު ނޫން ކަމަށް ވެދާނެ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ޕޮލިސް އެކަޑަމީގެ ހުޅުވުމުން، ދ. ވާނީ އިން ދެމުން ގެންދާ ވަރަށް ގިނަ ހިދުމަތްތައް އައްޑޫއަށް ބަދަލު ވެގެން ދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވާނީ ގައި ވެސް ވަކި ކަހަލަ ތަމްރީންތަކެއް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭރުން ވެސް އަޅުގަނޑުމެނަށް ދެ މާހައުލެއްގައި ދެ ސިފައެއްގެ ދެވޭ ތަމްރީންތައް ދެވިގެން ދިއުމަކީ އެ ތަމްރީނަށް ލިބިގެން ދާނެ އިތުރު ހިތްވަރެއް އިތުރު ބާރެއް. އަދި އަލަށް ރެކްރޫޓް ކުރެވޭ ކުދިންނަށް މުޅި ހިދުމަތަށް އަވަހަށް ދިއުމަށްޓަކައި މަގުފަހި ކުރެވިގެން ދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ވެސް ފުލުހުން ރެކްރޫޓްކޮށް ތަމްރީނަށް ނުފޮނުވި އަހަރެއްހާ ދުވަސް ވެގެންދާ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ޓްރެއިނިންނަށް އަވަހަށް ފޮނުވިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަތޮޅުތަކަށް ފުލުހުންގެ ހިދުމަތް ފުޅާ ކުރަމުން އަންނައިރު ވިސްނުން ހުރީ ހަމައެކަނި މީހުން ދިރިއުޅޭ ރަށް ރަށަށް ހިދުމަތް ދިނުމަށް ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ރިސޯޓްތަކާއި ރަށްރަށުގައި ފަތުރުވެރިކަން ތަރައްގީވެގެން އަންނައިރު އެކަމަށް ހާއްސަ އިސްކަމެއް ދީގެން ފުލުހުން ތަމްރީން ކުރާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.