ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، 13 ރަށެއް މިހާރުވެސް މޮނީޓަރިންގެ ހާލަތުގައި އޮތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތޮޅުތެރޭގައި މިހާރު އުފެދިފައިވާ ބޮޑެތި ކްލަސްޓާތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ދ. ކުޑަހުވާދޫން 224 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 17 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރ. އުނގޫފާރު ކްލަސްޓާއިން 523 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 13 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ނާސިރު ވިދާޅުވީ ކ. ހުރާއިން މިހާތަނަށް 159 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ރޯގާގެ އަލާމާތްތައް ހުރި 12 މީހަކު ހިމެނޭ ކަމަށެވެ. އެރަށުން މިހާތަނަށް 52 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކ. ދިއްފުށިން 115 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 19 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ދިއްފުށިން މިއަދު 11 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ނާސިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޅ. ފެލިވަރުން 75 މީހަކު މިހާތަނަށް ޕޮޒިިޓިވްވެފައިވާ އިރު، ގދ. ތިނަދޫން ވަނީ ތިން މީހަކު ޕޮޒިޓިވްވެފައެވެ.
ނާސިރު ވިދާޅުވީ މިއަދު އަތޮޅުތެރެއިން 46 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިހާރުވެސް 13 ރަށެއް މޮނީޓަރިންގެ ހާލަތުގައި އޮތް ކަމަށެވެ.
- ދ. ކުޑަހުވަދޫ
- ރ. އުނގޫފާރު
- ދ. މީދޫ
- ކ. ހުރާ
- ކ. ދިއްފުށި
- ޅ. ނައިފަރު
- ރ. މަޑުއްވަރީ
- ރ. ހުޅުދުއްފާރު
- ޅ. ފެލިވަރު
- ޅ. ހިންނަވަރު
- ރ. އަލިފުށި
- ގދ. ތިނަދޫ
- ޅ. އޮޅުވެލިފުށި
ނާސިރު ވިދާޅުވީ އަތޮޅުތެރޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށާއި މިކަމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ރައްޔިތުން ފަރުވާ ކުޑަ ނުކުރުމަށާއި ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި މާސްކް އެޅުމަށާއި ހެލްތު ޓާސްކްފޯސްތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށްވެސް ނާސިރު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު