ރިޕޯޓް

އަތޮޅުތަކުގެ ކޭސްތައް ބޮޑުތަނުން މައްޗަށް، ކަރަންޓީނު އުސޫލަށް ތަބާ ނުވަނީބާ؟

ރިފާ ހަލީލު

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޅެން އޮތް ފިޔަވަޅެއް އަޅަން ކޮންމެ މީހަކުވެސް ބޭނުން ވެއެވެ. އެއްބަޔަކު މި ބަލި ސިޔާސީ ކުރަމުންދާއިރު އަނެއްބަޔަކު މި ބަލީގެ ބިރުވެރިކަމާއި ހުރި ނުރައްކާތެރިކަން ތަކުރާރުކޮށް ހަނދާން ކޮށްދެމުން ގެންދެއެވެ. ނަމަވެސް އަޑު އިވެނީ ވަކި ބަޔަކަށެވެ.

މާލެއިން ކޮވިޑް ފެނުމާއެކު އަތޮޅުތަކަށް މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑުގެ ފުރަތަމަ ރާޅާއެކު މާލެ ނޫން ރާއްޖޭގެ އިތުރު ރަށަކަށް މި ބަލީގެ މާބޮޑު އަސަރެއް ނުކުރެ އެވެ. މަޑު މަޑުން ބަލި ފެތުރުން ކޮންޓްރޯލް ވެ ރައްޔިތުންގެވެސް އެތައް ޝަކުވާ އަކާއި އެތައް ކަންބޮޑުވުންތަކާއެކު ފިޔަވަޅުތަކަށް ލުއިދީ މާލެއިން އަތޮޅުތެރޭގެ ރަށްރަށަށް ދާ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ހާއްސަ އުސޫލެއް ކަނޑައެޅިއެވެ. އަދި މި އުސޫލާ ހިލާފުވާ މީހަކު ބޮޑު ޖޫރިމަނާއެއް ކުރުމަށްވެސް ނިންމި އެވެ.

ނަމަވެސް 14 ދުވަސްވަންދެން ގޭގައި ކަރަންޓީނު ވެގެން ހުންނަން ޖެހުންވެސް ބޮޑު ކަމަކަށްވެ ޝަކުވާ ބޮޑުވުމުން ސިއްހީ މާހިރުންގެ ލަފަޔާއެކު ކަރަންޓުނުގެ މުއްދަތު 10 ދުވަހަށް ކުރު ކުރި އެވެ. އެކަމަކު މިވަރުވެސް ވީ ގިނަ ބަޔަކަށް ވޭނަކަށެވެ. ކަރަންޓީނު އުސޫލާ ހިލާފުވާތީ ޖޫރިމަނާ ކުރާން ޖެހޭ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

ދުވަސް ކޮޅެއްގެ ކަމެކެވެ. މިހާރު ކޮވިޑުގެ ތިންވަނަ ރާޅު ރާއްޖެއަށް ކުރިމަތިވެފައިވާއިރު ކަރަންޓީނު އުސޫލާ ހިލާފުވާ ބަޔަކު ފެންނަ މީހަކުވެސް ނެތެވެ. އެޅޭނެ ފިޔަވަޅެއްވެސް ނެތެވެ. ފިޔަވަޅު ގިނަ ފަހަރަށް މި އަޅަނީވެސް ސިޔާސީ މީހަކު ކަރަންޓީނާ ހިލާފުވެ އެކަމާ ދެކޮޅަށް ބަޔަކު އަޑު އުފުލުމުންނެވެ. އުސޫލު މި އޮންނަނީ ވަކި ސިޔާސީ މީހަކަށް ނޫނެވެ. އަތޮޅު ތެރޭގެ އެތައް ރަށަކުން ގިނަ ރައްޔިތުންތަކެއް ޕޮޒިޓިވް ވަމުން ދާއިރު ރަށަށް ބަލި ފެތުރޭ ގޮތް ގިނަ ފަހަރަށް މި އޮންނަނީ ދެނެ ނުގަނެވިފަ އެވެ. ތުންތުން މަތިން ދެކެވޭ ވާހަކަތަކުން އެނގެނީ ކަރަންޓީނުގައި ހުރިި މީހަކާ ބަޔަކު ބައްދަލު ކުރުމުން އެ މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ބަލި ފެތުރުނު ކަމުގެ ވާހަކައެވެ.

ރަށްރަށަށް ބަލި ފެތުރުން ތަހުގީގު ކުރުމުންވެސް ގިނަ ފަހަރު ލިބެނީ އެއް ޖަވާބެކެވެ. ކަރަންޓީނުގެ އުސޫލާ ބަޔަކު ހިލާފުވެގެން ރަށަށް ބަލި ފެތުރެނީ އެވެ. ކޮންމެއަކަސް އެތައް ސުވާލެއް އުފެދެ އެވެ. ކަރަންޓީނަށް ދާ މީހުން ރަނގަޅަށް މޮނިޓާ ނުކުރެވެން ވީ ކީއްވެ ހެއްޔެވެ؟ ފަރުދީ ޒިންމާ އަދާ ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ތިމާ އަކީ ބަލި ފެތުރެމުންދާ ރަށެއްގައި އުޅެފައި އަނބުރާ އުފަން ރަށަށް ދިޔަ މީހެއްކަން އެނގޭއިރު ތިމާގެ ގައިން އެހެން މީހެއް ގަޔަށް ބަލި އަރައިފާނެ ކަން ގަބޫލު ނުކުރަނީ ކީއްވެހެއްޔެވެ؟ ކަރަންޓީނުގެ 10 ދުވަސް ހަމަވާއިރު ތިމާ ގައިންވެސް ވައިރަސް ފެނިދާނެކަން ގަބޫލު ނުކުރަންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ އެކަހެރިކޮށްފައި ބަހައްޓަނީ ސަބަބެއް އޮވެގެން ކަން ނުދަންނަނީ ކީއްވެ ހެއްޔެވެ؟

ކަރަންޓީނުގައި އެކަހެރި ކޮށްފައި ހުންނަ މުއްދަތަކީ ދަތި، އެކަނިވެރިކަން އިހުސާސް ކުރެވޭނެ ދުވަސްތަކެއް ކަން ގަބޫލު ކުރެވެ އެވެ. އެކަމަކު ތިމާ މި ބައްޔަށް ޕޮޒިޓިވް ވާ ހިސާބުން އާއިލާގެ އެހެން މީހަކާ ބައްދަލުވެފައި ވާނަމަ އެ މީހަކުވެސް ނުރައްކަލަށް ހުށަހެޅުނީ އެވެ. އެހެން ކަމުން އަމިއްލައަށްވެސް މިކަންކަމަށް ވިސްނަން ޖެހެ އެވެ.

ދެން އޮތީ މުއައްސަސާތަކުގެ ވާހަކަ އެވެ. މާލެއަށްވުރެ ހަމަ ޔަގީނުންވެސް ރަށްރަށުގެ އާބާދީ ބޮޑެއް ނުވާނެ އެވެ. އަދި ރަށަކުން އެ ރަށެއްގެ އާބާދީގެ ބޮޑު ބައެއް ކަރަންޓީނު ވާކަށްވެސް ނުދާނެކަން ހަމަ ޔަގީނެވެ. އެހެން ކަމަށް ވާނަމަ ކޮންމެ ދުވަހަކު ކަރަންޓީނު ވާ ގެތައް ރަނގަޅަށް މޮނިޓާ ނުކުރެވެންވީ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. މިފަދަ ހާލަތްތަކުގައި ރަށުގެ ސިއްހީ ހިދުމަތްތެރީންނާއި ރަށުގައި ގާއިމުވެ ތިބޭ ފުލުހުންނާއި ރަށުގެ ކައުންސިލާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކަރަންޓީނަށް ލެވޭ ގެތައް މޮނިޓާ ކުރެވެން ޖެހެ އެވެ.

ދާދި ފަހުން ރާއްޖޭގެ އާބާދީ ބޮޑު ރަށެއްގައި ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެ ރަށް މޮނިޓަރިން ހާލަތަށް ގެންނަން ޖެހުނެވެ. މިއީ އެންމެ މީހެއްގެ ސަބަބުން ދިމާވި ކަމެކެވެ. ރަށް މޮނިޓަރިންނަށް ލާން ޖެހުނު ސަބަބު ބަލައިލި އިރު މިއީ މާލޭގައި ހުރެފައި ރަށަށް ގޮސް ކަރަންޓީނު ވި އަންހެނަކު އޭނާގެ ލޯބިވެރިޔާއާ ބައްދަލުކޮށްލުމަށް އޭނާ ކަރަންޓިނުގައި ހުރި ތަނަށް ލޯބިވެރިޔާ ވެއްދުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު ނަމަ ލޯބިވެރިޔާ އެތަނަށް ވެއްދޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

ސިއްހީ ހިދުމަތްތެރިން ގަބޫލު ކުރާ ގޮތުގައި އަތޮޅުތަކުގައި ބަލި ފެތުރުން މިހާރު އިންތިހާއަށް އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ކަރަންޓީނު އުސޫލާ ހިލާފަށް ކަރަންޓީނުގައި ތިބޭ މީހުންނާ އެކި ގޮތްގޮތަށް ބައްދަލު ކުރުމެވެ. އަދި މިގޮތަށް ކަރަންޓީނުގެ އުސޫލާ ހިލާފަށް އަމަލު ނުކުރުމަށް ސިއްހީ އެހީތެރިން އަންނަނީ ރައްޔިތުންގެ ކިބައިން ތަކުރާރުކޮށް އާދޭސް ކުރަމުންނެވެ.

މިހާރު ރާއްޖޭގެ ގިނަ ރަށްތަކެއް މޮނިޓަރިން އަށް ލާފައިވާއިރު އެރަށްތަކުން ގިނަ އަދަދަކަށް މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އެކަމަކު ގިނައީ ބަލި އެރަށްތަކަށް ދިޔަ ގޮތް ނޭނގޭ ރަށްތަކެވެ. އެހެން ކަމުން ކަރަންޓީނު އުސޫލާ އެއްގޮތަށް އަމަލު ކުރުމަކީ ފަރުދީ ޒިންމާއެއްކަން ހަނދާންކޮށް އެގޮތަށް އަމަލު ކުރަން ޖެހެ އެވެ. އަދި މުއައްސަސާތަކުން ވެސް ކަރަންޓީނުގައި މީހުން ތިބޭ ތަންތަން މިހާރަށްވުރެ ހަރުދަނާ ކޮށް މޮނީޓާ ކޮށް ފިޔަވަޅުތައް އެޅުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ މުހިންމު ކަމެކެވެ.