އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފޮރުވަން ކުރާ މަސައްކަތުން ހަލާކުވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސް އެޕް ގްރޫޕްގަ އެވެ.

މި ފަހަކަށް އައިސް ރައީސް ނަޝީދުގެ ފާޑު ވިދާޅުވުމާއި ބޮޑެތި ތުހުމަތުތަކެއް ފައްޔާޒަށް ކުރައްވަމުންދާ އިރު، އެހެން ފަހަރުތަކާ ހިލާފަށް މިރޭ ފައްޔާޒު ވަނީ އޭނާ ދިފާއުކުރެއްވުމުގެ އިތުރުން އެ ގްރޫޕުގައި ރައީސް ނަޝީދަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން، މިނިސްޓަރު ފައްޔާޒުގެ ދިފާއުގައި އޭނާ ފޮރުވަން ކުރާ މަސައްކަތުން ހަލާކުވެގެން ދަނީ ރައީސް ސޯލިހު ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ފައްޔާޒު ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެއްވެސް މީހަކު އޭނާ ފޮރުވަން ނުޖެހޭނެ ކަމަށާއި ހުދުމުހުތާރުކޮށް ކަންކަން ކުރެއްވުމާ އަބަދުވެސް ދެކޮޅު ހައްދަވާނެ ކަމަށެވެ. އަދި މިއީ އުތުރު ކޮރެއާ ނޫން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

މިއީ އުތުރު ކޮރެއާ ނޫންކަމަށް ވިދާޅުވެ ފައްޔާޒް ވިދާޅުވެފައިވަނީ ހުދުމުހުތާރު އުސޫލުން ކަންކަން ނުކުރެއްވޭނެ ކަމަށެވެ. އަދި މި ސުކުންތައް ވުރެ ދުރަށް އަމިއްލަ ސަލާމަތަށް ނުބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފާއްޔާޒުގެ ވާހަކަތަކަށް ފަހު ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ އެމްޑީޕީގެ ތެރޭގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް ކަމަށާއި އެ މަސައްކަތުގައި ފައްޔާޒާ ދެކޮޅަށް ނުކުމެވަޑައިގަތުމަށް ލަދުގަންނަ ކަމަށެވެ.

ދެ ފާރާތުގެ ބަހުގެ ހަމަލާތަކަށް ފަހު މިނިސްޓަރު ފައްޔާޒު ވަނީ އެ ވާހަކަތައް އާންމުންގެ ކުރިމަތީގައި ދެއްކެވުމަށް ރައީސް ނަޝީދަށް ބަހުސަކަށް ދައުވަތު ދެއްވައިފަ އެވެ. ފައްޔާޒުގެ ދައުވަތު ގަބޫލުފުޅުކުރައްވައި ބަހުސެއް އިންތިޒާމުކުރެއްވުމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ރައީސް ނަޝީދު ވަނީ ދަންނަވައިފަ އެވެ.