ކުޅުދުއްފުށި ސިޓީ އާންމު ހާލަތަށް ގެނެސްފިއެވެ.

ކުޅުދުއްފުށިން ކޮވިޑް ކޭސްއެއް ފެނުމާ ގުޅިގެން އެ ސިޓީ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެ ކޭސްއާ ގުޅުންހުރި އިތުރު ހަތަރު މީހަކުވެސް ވަނީ އެރޭ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އިން ބުނީ މިހާތަނަށް ނެގުނު ހުރިހާ ރެންޑަމް ސާމްޕަލްތަކެއް ނެގެޓިވްވުމުން މޮނީޓަރިންގެ ހާލަތު މިހާރު އުވާލާފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، ރައްކާތެރިކަމުގެ ގޮތުން މާސްކް އެޅުމާއި އެހެނިހެއް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޅުދުއްފުށިން ފުރަތަމަ ޕޮޒިޓިވްވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް މީހެކެވެ. އެމީހާ އަކީ ޅ. ނައިފަރުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި މީހެކެވެ.

ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެކެވެ. އެ ކޭސްއާ ގުޅިގެން ނައިފަރު އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.