ވެންޓިލޭޓަރު މައްސަލަ، ތަހުގީގުކޮށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވާފައިވާ އިރު، އެ މައްސަލައަކީ އޭގައި ދައުވާކޮށްދިނުމަށް އެދިފައިވާ ފަރާތްތަކަށް ދައުވާކުރެވޭނެ މައްސަލައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

އޭސީސީން މިހެން ބުނީ، އެ މައްސަލަ ބެލުމަށްފަހު ދައުވާކުރުމަށް އެދި އޭސީސީން ދެވަނަ ފަހަރަށް އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ފޮނުވުމުންވެސް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރަން ޕީޖީ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

އެކަމާބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ވެންޓީލޭޓަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ ފަރާތްތަަކުގެ މައްޗަށް އެ ދައުވާ ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕީޖީއަށް ފޮނުވާ މައްސަަލަ ސާބިތު ކުރުމަށް އެކަމުގެ މަންފާ ލިބިފައި ހުރީ ކޮން ބަޔަކަށް ކަމާއި، ކޮރަޕްޝަންގެ ފައިސާ ހުރި ތަނެއް އެނގެން މަޖުބޫރު ނޫން ކަމަށެވެ.

ބަޔަކަށް ނާޖާއިޒް ފައިދާ ލިބޭ ފަދަ ގޮތަކަށް އަމަލު ކުރިކަން ސާބިތުވާ މިންވަރަށް މައްސަލަ ތަހުގީގުކޮށްފައިވާނެ ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ.

އިތުރު ތަފްސީލް ދެއްވަމުން އޭސީސީގެ ނާއިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ އޭސީށީން ފޮނުވައިގެން އެފަދަ މައްސަަލަތަކުގައި މީގެކުރިންވެސ ދައުވާކޮށްފައިވާ ކަމަށެވެ.

މި މައްސަލައަކީ އޭސީސީން އަލަށް ފޮނުވި މައްސަލައެއްނޫން ކަމަށާއި އެފަދަ މައްސަލަތަކެއް މިހާރު ވެސް ޕީޖީ އޮފީހަށް ފޮނުވައި ކޯޓުގައި ކުރިއަށްދާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެންޓިލޭތަރު މައްސަލައިގައި އޭސީސީން ދައުވާ ކުރަން ފޮނުވި ފަރާތްތަކަށް ދައުވާ ނުކުރަން ނިންމި ސަބަބުން ބަޔާން ކުރައްވައި، ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު މީގެ ކުރިން ވިދާޅުވީ، އެ މައްސަަލ ސާބިތުކުރަން ވޭނުންވާ ވަރަށް ހެކި ނެތް ކަމަށެވެ. އަދި ހެކި ނެތިސް އެ މައްސަލަ ހުށަހަޅައިގެން މައްސަލަ ސާބިތު ނުވާކަމަށް ކޯޓުން ނިންމައިފިނަމަ، އޭގެ ފަހުން ކުރާ ތަހުގީގަކުން އެކަމުގެ ހެކި ފެނުނު ނަމަވެސް ތުހުމަތު ކުރެވޭ ފަރާތްތަކަށް އިތުރަށް ދައުވާ ނުކުރެވޭނެ ކަމަށް ޝަމީމު ވިދާޅުވިއެވެ. އެއީ އެ މައްސަލައެއްގައި ދެފަހަރަށް ދައުވާ ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.